އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މަގުބޫލު އެއް ޕާޓީއެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރަސްމީކޮށް އުވާލާފައެވެ.
2011 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ ދަށުން އުފެދުނު ޕީޕީއެމް އުވާލުމަށް ނިންމީ، މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ޕާޓީގެ ސެނެޓުން ނިންމި ނިންމުމަކާ ގުޅިގެންނެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، ސެނެޓުގެ އެ ނިންމުމާ ގުޅިގެން ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށް، މިހާރު ވަނީ އެ ޕާޓީ އުވާލާފައެވެ.
ޕީޕީއެމް އުވާލުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީގެ ނަމާއި ލޯގޯ ވަނީ އުނިކޮށް، އުވާލާފައިވާ ޕާޓީތަކުގެ ލިސްޓުގައި ހިމަނާފައެވެ. އަދި މައުމޫން އިސްވެ ތިންވަނައަށް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ވެސް އިއްޔެ ވަނީ، 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އުވާލާފައެވެ.
ޕީޕީއެމްއަކީ ޑީއާރުޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަދި އެ މަނިކުފާނުގެ ސަޕޯޓަރުން ޑީއާރުޕީން ވަކިވެގެން އުފެއްދެވި ޕާޓީއެކެވެ. 2011 ވަނަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހު ރަޖިސްޓްރީކުރެވުނު މި ޕާޓީގެ ފުރަތަމަ ރައީސަކީ މައުމޫނެވެ. އަދި ޕާޓީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކީ މައުމޫނުގެ ކޮއްކޮ، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ޕީޕީއެމް ބައިވެރިވި ފުރަތަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ކާމިޔާބުކުރި މި ޕާޓީގައި، މި ސަރުކާރު ވެރިކަމަށް އައިއިރު 30،000 އަށްވުރެ ގިނަ މެންބަރުން ތިބިއެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 12،000 އަށް ތިރިވެފައެވެ. ޕީޕީއެމް އުވާލަން ނިންމީ އެ ކޯލިޝަންގެ ލީޑަރު، ރައީސް މުޢިއްޒުގެ އިރުޝާދާއެކު، އެކަން ފަސޭހަކުރުމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ވެސް އިސްލާހު ގެނެސްގެންނެވެ.