ދިރާގު ރޯޑް ރޭސް މިފަހަރު ބާއްވަނީ ފުވައްމުލަކުގައި

ދިރާގު ރޯޑް ރޭސް މިފަހަރު ބާއްވަނީ ފުވައްމުލަކުގައި

ދިރާގުން އައު އިނިޝިއޭޓިވްއެއްގެ ގޮތުގައި، "ދިރާގު ފުވައްމުލައް ރަން" އަންނަ މެއި މަހުގެ 2 ވަނަ ދުވަހު ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ފަހަރަށް ވުމާއެކު، ދުވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި dmrr.mv މެދުވެރިކޮށް ހުޅުވާލެވޭނެއެވެ.

މި ދުވުން އިންތިޒާމުކުރަނީ ދިރާގުން ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު، އަލީ ރިޔާޒް ވިދާޅުވީ މި ދުވުމަކީ މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ރޯޑް ރޭސް ކަމަށްވާތީ، އެއީ މި ދުވުމަށް ލިބޭ ކުރިއެރުމެއް ކަމުގައެވެ.

އަލީ ރިޔާޒް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ދުވުމުގެ ސަބަބުން ފުވައްމުލަކުގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި، މެހެމާންދާރީ ތަޖުރިބާކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ސެޓިފައިޑް ރޫޓެއްގައި ދުވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ ސަބަބުން ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް އިޝްތިހާރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ މި ދުވުމުގެ ސަބަބުން ފުވައްމުލަކުގެ ރީތިކަން ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ލިބި، އެ ސިޓީއަކީ ދިވެހި އަދި ބައިނަލްއަގުވާމީ ދުވުންތެރިންނަށް އެކަށޭނަ މަންޒިލެއްގެ ގޮތުގައި ފާހަގަވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ދުވުމުގައި ބައިވެރިވާން އަންނަ ހުރިހާ ދުވުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔަން ފުވައްމުލައް ސިޓީ ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2007 ވަނަ އަހަރުން ފެށިގެން ދިރާގުން ބާއްވަމުން އަންނަ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ގައި ލިސްޓުކޮށް ވޯލްޑް ރަނިން ކަލަންޑަރުގައި ހިމެނޭ އަދި ވޯލްޑް އެތްލެޓިކްސް ސެޓިފައިޑް ރޫޓެއް ހިމެނޭ ދުވުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *