އިމިގްރޭޝަން އޮތޯރިޓީން އާންމުކުރި އުސޫލެއްގެ ދަށުން، ކުރިއަށް އޮތް 1446 ވަނަ އަހަރުގެ ރަމަޟާން މަހު ދިވެހިރާއްޖޭގެ މިސްކިތްތަކުގައި ތަރާވީޙް ނަމާދު އިމާމުވެ ކުރެއްވުމަށް ރާއްޖެއިން ބޭރުގެ ޙާފިޛުންނާއި ޤާރީންނަށް ޚާއްޞަ ވިސާއެއް ދޫކުރުމަށް ހަމަޖެހިއްޖެއެވެ.
މި ފުރުޞަތު ލިބިވަޑައިގަންނަވާނީ ހަމައެކަނި އިސްލާމިކް މިނިސްޓްރީން ހުއްދަ ދެއްވާފައިވާ ފަރާތްތަކަށެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް ރާއްޖެ ވަޑައިގަންނަވާ ދުވަހުން ފެށިގެން 45 ދުވަހުގެ ޚާއްޞަ ވިސާއެއް ދޫކުރެވޭނެއެވެ.
މި ފުރުޞަތުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް 'އިމުގާ' މެދުވެރިކޮށް ސްޕެޝަލް ވިސާއަށް އެދި ހުށަހަޅުއްވަންވާނެއެވެ. އެޕްލިކޭޝަން ހުށަހެޅުއްވުމަށްފަހު، ސަރުކާރު އަދި ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި، 7 ދުވަހުގެ ތެރޭގައި ވިސާ ދޫކުރުމާމެދު ނިންމާ ގޮތް އެޕްލިކޭޝަން ހުށަހެޅުއްވި ފަރާތަށް އެންގޭނެއެވެ.
އިމިގްރޭޝަނުން އިތުރަށް އަންގަވާފައިވާ ގޮތުގައި، ސްޕެޝަލް ވިސާއަށް އެދި ހުށަހަޅުއްވާއިރު، އިސްލާމިކް މިނިސްޓްރީގެ ހުއްދައިގެ އިތުރުން، ސްޕެޝަލް ވިސާ ފޯމާއި، ވިސާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމު، އަދި ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ސާފު ކަލަ ކޮޕީއެއް ހުށަހަޅުއްވަންޖެހޭނެއެވެ.