ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ދަ ހޯކްސް ޖަވާހިރު ބޯޓުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގެ ތަހުގީގު ކުރިޔަށްދަނީ ސިއްރުން މުދާ އެތެރެކުރުމުގެ ކުށާއި މަނީ ލޯންޑަރިންގގެ ކުށުގެ މައްޗަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، 2024 އޮކްޓޯބަރ 24 ވަނަ ދުވަހު ދަ ހޯކްސް ޖަވާހިރު ބޯޓު ރާއްޖެ އައިސް، އޮކްޓޯބަރ 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް 200 މާސްޓަރ ކާޓަން މެންޗެސްޓަރ ސިނގިރޭޓް ބޭލިއެވެ. މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ހިމަނާފައި ނުވާކަން މިހާތަނަށް ކުރެވުނު ތަހުގީގުން ވަނީ ހާމަވެފައެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މި މައްސަލައިގެ ތަހުގީގު ބިނާވެފައިވަނީ ކަސްޓަމްސްގެ ގާނޫނު (ގާނޫނު ނަންބަރު 08/2011) ގެ 97 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2014) ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގ ކުށުގެ މައްޗަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ގުޅިގެން މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، ތުހުމަތުކުރެވެނީ މި ސިނގިރޭޓްތައް އެތެރެކޮށްފައިވަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިންގ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން ކަމަށެވެ.
ކޮމެންޓު ފޮނުވާ