ރ. ހުޅުދުއްފާރުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމްއެއް ބެހެއްޓުމަށް އެ ބޭންކާއި ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ޚުމްރީ އެވެ. އަދި ހުޅުދުއްފާރު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް މުހައްމަދު އާތިފެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައެވެ.
މީގެއިތުރުން، ހުޅުދުއްފާރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްއެއް ބެހެއްޓުމަށް ވެސް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާތިފް އެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކްގެ ޑިރެކްޓަރު ފޮރ ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ ބަދުރުއްދީން ހަސަނެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަރަށް މުހިންމު އަހައްމިއްޔަތުކަމެއް ދެއްވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްއެއް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާރު ރާއްޖޭގައި ބީއެމްއެލްގެ 190 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން 250 އަށްވުރެ ގިނަ އޭޓީއެމް ޤާއިމުކުރުމަކީ ބީއެމްއެލްގެ ލަނޑުދަނޑިއެކެވެ.