މައުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ހަކަތައިގެ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެއްޖެ

މައުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ހަކަތައިގެ ދާއިރާތަކުން އެއްބާރުލުން ދިނުމަށް އެއްބަސްވެއްޖެ

ރާއްޖެއާއި އެސްޓޯނިއާ އާ ދެމެދު މައުލޫމާތު ބަދަލުކުރުމާއި، މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައިގެ ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ. މި ފަހުމުނާމާގައި ސޮއިކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލް ކަމަށްވާއިރު، އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ކްލައިމެޓް މިނިސްޓަރު ޔޯކޯ އަލެންޑަ އެވެ. މި ސޮއިކުރުމުގެ ކުރިން ކްލައިމެޓް މިނިސްޓަރު ޔޯކޯ ވަނީ ރައީސް މުއިއްޒާ ބައްދަލުކުރައްވާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖެ ތިމާވެއްޓާ ރައްޓެހި ގައުމަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މި މަގުސަދު ހާސިލުކުރުމަށް ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކުގެ މުހިންމުކަމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެސްޓޯނިއާގެ ތަޖުރިބާ މުހިންމުވާނެކަން ފާހަގަކުރައްވާފައިވެއެވެ.

އެސްޓޯނިއާގެ އީޖާދީ އުކުޅުތަކުގެ އެހީގައި ރާއްޖޭގެ ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރެވި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރެވި، އަދި ހަކަތައަށް ކުރާ ހަރަދު ކުޑަކުރެވޭނެ ކަމަށް ރައީސް މުއިއްޒު އުންމީދު ފާޅުކުރެއްވިއެވެ. މިނިސްޓަރު ޔޯކޯ ވެސް ވަނީ ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ހަކަތައިގެ ދެމެހެއްޓެނިވި ހައްލުތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ދެ ގައުމުގެ މެދުގައި އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އީޖާދުތައް އަދި ތިމާވެށީގެ ވިލުންތެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވިއެވެ. އަދި އެސްޓޯނިއާގެ ފަރާތުން މި ކަންކަމުގައި ރާއްޖެއަށް އެހީތެރިވުމަށް ތައްޔާރަށް ތިބިކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ޔޯކޯ ވަނީ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *