ފެންބޮޑުވާނެކަމަށް ބެލެވޭ ތަންތަނުގައި 2،500 އަށް ވުރެ ގިނަ ވެލިބަސްތާ ޖަހައިފި: މާލޭ ސިޓީ ކައުންސިލް

ފެންބޮޑުވާނެކަމަށް ބެލެވޭ ތަންތަނުގައި 2،500 އަށް ވުރެ ގިނަ ވެލިބަސްތާ ޖަހައިފި: މާލޭ ސިޓީ ކައުންސިލް

މާލެސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި، ކުރިއަށްމިއޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ބެލެވޭތީ، މާލޭގެ އެކި ސަރަހައްދުތަކުގައި ވަނީ 2،500 އަށް ވުރެ ގިނަ ވެލިބަސްތާ ޖަހާފައެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުން، ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ މޫސުން ގޯސްވެ، ގިނަ ސަރަޙައްދުތަކަކަށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި މުއްދަތުގައި ވައި އަދި ކަނޑު ގަދަވެ، ބައެއް އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ވަނީ އިންޒާރު ދީފައެވެ.

މި ކަންކަމަށް ތައްޔާރުވުމުގެ ގޮތުން މާލެސިޓީ ކައުންސިލުން ވަނީ އެމެޖެންސީ ތައްޔާރީތައް ފަށާފައެވެ. އެގޮތުން، މާލޭގެ ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ހާމަކުރި ގޮތުގައި، އާންމު ރައްޔިތުންނަށް ވެލިބަސްތާ ދޫކުރުމުގެ އިންތިޒާމް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ވަނީ ހަމަޖައްސާފައެވެ. މި ޚިދުމަތް މިރޭ 10:00 އާ ހަމައަށް ހައުސިންގ މިނިސްޓްރީ ހުންނަ ބިމުން ލިބެން ހުންނާނެއެވެ.

މިފަހަކަށް އައިސް މާލެއަށް ވެހުނު ބޯ ވާރޭގެ ސަބަބުން ވަރަށް ގިނަ ގެތަކަށް ވަނީ ފެންވަދެފައެވެ. އެންޑީއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، މާލޭގައި ފެންބޮޑުވުމުގެ ނުރައްކާ އޮތް 56 ގެއެއް ވަނީ ފާހަގަކުރެވިފައެވެ. އަދި މިއަދު ހެނދުނުން ފެށިގެން މި ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވަނީ ފެށިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *