ބޮޑު ބަޑިއެއް މާލޭގެ ޗާންދަނީމަގުން ފެނިއްޖެއެވެ. މި ބަޑި ފެނުނީ ކުރީގެ ހަބީބް ބޭންކް ހިންގި، ޗާންދަނީމަގު 23 ނަންބަރު ފިހާރަ ހުރި ބިމުގައި އިމާރާތެއް އެޅުމަށް ރޭގެ ވަގުތެއްގައި ބިންކޮނުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.
ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެފައިވަނީ، މިހާރު އެ ބަޑި ވަނީ ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ. މިފަދަ ބަޑިތަކަކީ ދާރުލްއާސާރުގައިވެސް ހުރި ވައްތަރުގެ ބަޑިތަކެއްކަމަށާއި، ބޮޑުރަސްގެފާނުވެސް މިބާވަތުގެ 14 ބަޑި ބައްލަވައިގެންނެވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު ފެނުނު ބަޑިއަކީ ހަމަ އެ ވައްތަރުގެ ބަޑިއެއްކަން ޔަގީންކުރެވިފައެއް ނުވެއެވެ.
މިނިސްޓަރުގެ މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދާރުލްއާސާރުގައި މިހާރުވެސް ހުރި މިފަދަ ބަޑިތަކަކީ 7 ބަޑީގެ ސަލާން ޖެހުމަށްވެސް ބޭނުންކުރެވޭ ބާވަތުގެ ބަޑިތަކެކެވެ. އަދި އެއް ބަޑިއެއްގެ ބަރުދަނުގައި ދޮޅު ޓަނު ހުންނަކަމަށް ވެއެވެ. މި ބަޑިތަކަކީ ކުރީގެ ޒަމާނުގައި މާލެއަށް ބަޔަކު އަރައިފާނެތީ ރައްކާތެރިވުމަށް ބޭނުންކުރި ބަޑިތަކެކެވެ.
މިފަހަރު ފެނުނު ބަޑި އޮތީ ވަރަށް ބޮޑަށް ދަބަރުޖަހާފައި ކަމަށާއި، އެ ބަޑި ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިތުރު މަޢުލޫމާތު އެނގޭނީ ދިރާސާތައް ނިމުމުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ