ގަލޮޅު އުފުރިޔާ ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެކަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. އެންޑީއެމްއޭ އިން މަޢުލޫމާތު ދެމުން ބުނީ، ހާދިސާގެ އަސަރުކުރި ފަރާތްތަކުގެ ތެރެއިން އެހީތެރިކަމަށް އެދުނު އެއް ފަރާތަކަށް އެއް ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ރޭ 11:27 ހާއިރުގައެވެ. އަދި އެ ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ރޭ 12:01 ހާއިރުގައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.\
ގ.އުފުރިޔާ ގޭގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އެޕާޓްމަންޓުގައި ދިރިއުޅުނު މީހުންގެ ތެރެއިން އެހީތެރިކަން ބޭނުންވި 1 ފަރާތަކަށް 1 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު މި އޮތޯރިޓީއިން ވަނީ ހަމަޖައްސައިދީފަ
— NDMA Maldives (@NDMAmv) January 7, 2025
މިއާއެކު، މިދިޔަ އަހަރުގެ ޑިސެމްބަރު 12 ގައި ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން އައި މ. ގްރީން ބިލްޑިންގްގައިވެސް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ވަނީ 22 ފަރާތެއް ވަގުތީ ހިޔާވަހިކަމަށް ބަދަލުކޮށްފައެވެ. އެންޑީއެމްއޭ އިން އިތުރަށް ހާމަކުރި ގޮތުގައި، އެ ހާދިސާގެ އަސަރުކުރި ފަރާތްތަކުގެ ތެރެއިން ބައެއް މީހުންނަށް ގެސްޓްހައުސްގެ އިންތިޒާމު ހަމަޖައްސައިދިން އިރު، އަނެއްބައި މީހުންނަށް އަމިއްލައަށް ބޭނުން ތަނެއްގައި ތިބުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.