ރައީސް މުޢިއްޒުގެ ސަރުކާރުން އަމާން، ރައްކާތެރި އަދި ތަރައްޤީވެފައިވާ ރާއްޖެއެއް ބިނާކުރާނެ: އަބުދުއްރަހީމް

ރައީސް މުޢިއްޒުގެ ސަރުކާރުން އަމާން، ރައްކާތެރި އަދި ތަރައްޤީވެފައިވާ ރާއްޖެއެއް ބިނާކުރާނެ: އަބުދުއްރަހީމް

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް އޮތް އަހަރުތަކުގައި އަމާން، ރައްކާތެރި އަދި ތަރައްޤީވެފައިވާ ރާއްޖެއެއް ބިނާކުރާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ޤާއިމުކުރެއްވުމަށް ރައީސް މުއިއްޒު ދެއްވާ ހާއްސަ އިސްކަމުގެ ދަށުން މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރެއްވުމަށާއި ކުށްކުރުން މަދުކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްޤީއާއި ކުރިއެރުން ހޯދުމަށް ހަމަޖެހުން ކޮންމެހެން މުހިންމެވެ. އެގޮތުން މަސްތުވާތަކެއްޗާ ދުރަށް ޒުވާނުން ގެންދިއުމަށާއި ގޭންގު ކުށްތައް ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހާރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދިވެހި މުޖުތަމަޢު ދުރުކުރެއްވުމަށް ވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

ޤާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެންނަންވާނީ މިއަދަށް އެކަންޏެއް ނޫން ކަމަށާއި، މުސްތަޤުބަލަށް ވެސް ވިސްނައިގެން ކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ. އެގޮތުން މިހާރު ސަރުކާރުން ޤާނޫނު އަސާސީއަށާއި ގަވާއިދުތަކަށް ގެންނަވާ އިސްލާހުތަކަކީ ރާއްޖެއަށާއި ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ލިބޭނެ ގޮތަށް މުސްތަޤުބަލަށް ވިސްނައިގެން ގެންނަވާ އިސްލާހުތަކެއް ކަމުގައި ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން އަބްދުއްރަހީމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިޖުތިމާޢީ މައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި، މި މަސައްކަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *