ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) މިއަދުން ފެށިގެން ތަންފީޒުކުރަން ފަށައިފިއެވެ. މި އެއްބަސްވުމަކީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ފެށުނު މަޝްވަރާތަކެއްގެ ނަތީޖާއެކެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އެއްބަސްވުން އަވަސް ކުރެވުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސްއާ އެކު ކުރެވުނު މަޝްވަރާތަކާ ގުޅިގެންނެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރި، އިގުތިސާދީ އަދި އިންވެސްޓްމަންޓް ދާއިރާގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އިމްޕޯޓްކުރާ 70 އިންސައްތަ މުދަލުން ޑިއުޓީ ކެނޑޭނެއެވެ. އަދި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ 95 އިންސައްތަ މުދަލުން ވެސް ޑިއުޓީ ކެނޑޭނެއެވެ. ވަކިން ޚާއްޞަކޮށް، ރާއްޖެއިން އެކްސްޕޯޓްކުރާ މަހާއި މަހުގެ އުފެއްދުންތައް ޗައިނާގެ މާކެޓަށް ސުން ޑިއުޓީގައި ވެއްދޭނެއެވެ.
އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާތީ، ޗައިނާ ފަދަ އުފެއްދުންތެރި ގައުމަކާއެކު މި އެއްބަސްވުން ވުމުން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ ތަކެތިވެސް އަގުހެޔޮކޮށް ލިބޭނެއެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިއީ ރާއްޖޭގެ އެކްސްޕޯޓާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ލިބުނު މުހިންމު ފުރުސަތެކެވެ. އަދި ކުދި، މެދު އަދި ބޮޑެތި ވިޔަފާރިތަކަށް ޗައިނާގެ ބިޔަ މާކެޓަށް ވަދެ، ވިޔަފާރި ފުޅާކުރުމުގެ ރަން ފުރުސަތެކެވެ.
މި އެއްބަސްވުން ތަންފީޒުކުރުން އިޢުލާންކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ދެ ގައުމުގެ ވިޔަފާރީގެ ވަޒީރުން ބައިވެރިވެވަޑައިގެން، މި ތާރީޚީ އެއްބަސްވުމުގެ ފައިދާތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި މި އެއްބަސްވުން މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ.