އިންޑިއާއިން ފަންޑު ހޯދައިގެން، ރައީސް މުއިއްޒުގެ ސަރުކާރު ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި: ވޮޝިންޓަން ޕޯސްޓު

އިންޑިއާއިން ފަންޑު ހޯދައިގެން، ރައީސް މުއިއްޒުގެ ސަރުކާރު ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި: ވޮޝިންޓަން ޕޯސްޓު

Author
ހުސެއިން
30 ޑިސެމްބަރ 2024 08:04
0

އެމެރިކާގެ ނޫސް ކަމުގައިވާ ވޮޝިންޓަން ޕޯސްޓުން މިއަދު ޝާއިޢުކުރި ރިޕޯޓެއްގައި، އިދިކޮޅު އެމްޑީޕީން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް އިންޑިއާގެ ރޯ އެޖެންޓުން މެދުވެރިކޮށް 92 މިލިއަން ރުފިޔާ (6 މިލިއަން ޑޮލަރު) ހޯދަން މަސައްކަތްކުރި ކަމަށް ރިޕޯޓު ކޮށްފިއެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމްޑީޕީގެ ބައެއް ފަރާތްތަކާއެކު ވެރިކަން ބަދަލުކުރުމުގެ މަޝްވަރާތައް ފެށިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން އިންޑިއާގެ ފޮރިން އިންޓެލިޖެންސް އެޖެންސީ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ)ގެ އޭޖެންޓަކު އެމްޑީޕީގެ އިދިކޮޅު ލީޑަރުންނާ މަޝްވަރާކުރަމުން ގެންގޮސްފައިވާކަމަށް ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

"ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ގެ ނަމުގައި ތައްޔާރުކުރެވުނު ކަރުދާހެއްގައި، ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރުންނަށް ރިޝްވަތު ދީގެން ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރޭވިކަމަށް އެނޫހުގައި ޝާއިއުކޮށްފައި ވެއެވެ. މީގެ އިތުރުން ސިފައިންނާއި ފުލުހުންގެ 10 އިސް އޮފިސަރުންނާއި ތިން ގޭންގަކަށް ފައިސާ ދިނުމަށްވެސް ރޭވިކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

އެ ނޫހުގެ ރިޕޯޓުގައި ވާގޮތުން، ނަމަވެސް މި ރޭވުން ނާކާމިޔާބުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 11 މެންބަރުން ޕީއެންސީއަށް ސޮއިކުރުމާ ގުޅިގެންނެވެ. މި މަސައްކަތުގައި އިންޑިއާގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެފައިވަނީ ވޮޝިންގްޓަންގައި ހުންނަ އިންޑިއާގެ އެމްބަސީގައި މަސައްކަތްކުރާ ރޯގެ ސީނިއަރ އޮފިސަރު ޝިރިޝް ތޮރާޓް އަދި ބީޖޭޕީގެ ކުރީގެ ތަރުޖަމާނު ސަވިއޯ ރޮޑްރީގްސްއެވެ.

ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުން އިތުރަށް ހާމަ ކޮށްފައިވާ ގޮތުން، ފައިސާ ހޯދުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އޭރުގެ މަޖިލިސް މެންބަރުން ކަމުގައިވާ ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަދި އަހުމަދު އީސާ އިސްވެ ތިބެގެންނެވެ. އަދި "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ކަރުދާހުގައި މަޖިލިސް އިންތިޚާބުގެ 93 ގޮނޑީގެ ތެރެއިން 45 ގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރުމަށް، އިންޑިއާއިން އިތުރު 123 މިލިއަން ރުފިޔާ (8 މިލިއަން ޑޮލަރު) ހޯދުމަށް ރޭވިކަންވެސް ހާމަވެފައިވެއެވެ.

ނަމަވެސް މި މަސައްކަތް ނާކާމިޔާބުވެފައިވަނީ ރޭވިފައިވާ އެއްވެސް ފައިސާއެއް އެމްޑީޕީއަށް ލިބިފައިނުވުމާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ވެރިކަން ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތްތަކުގެ މައުލޫމާތު ރައީސް މުއިއްޒުއަށް ލިބިވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ 11 މެމްބަރަކު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރީ އިދިކޮޅު ފަރާތްތަކުން ރޭވި ރޭވުންތައް ނާކާމިޔާބު ކޮށްލުމަށް ރައީސް މުއިއްޒު އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިންކަމަށްވެސް ވޮޝިންޓަން ޕޯސްޓުގައި ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާކަން ވޮޝިންގްޓަން ޕޯސްޓުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.