ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ތަޙުޤީޤުކޮށް، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ޕީއެންސީން ގޮވާލައިފި

ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ތަޙުޤީޤުކޮށް، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ޕީއެންސީން ގޮވާލައިފި

Author
ޙަސަން މުޙައްމަދު
30 ޑިސެމްބަރ 2024 09:48
0

ވެރިކަންކުރާ ޕާޓީ ޕީއެންސީން ރޭ ނެރުނު ބަޔާނެއްގައި ކޮރަޕްޝަންގެ މައްސަލަތައް އަވަސް މުއްދަތެއްގެ ތެރޭގައި ތަޙުޤީޤުކޮށް، އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފިއެވެ.

އެޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، ކޮރަޕްޝަން ނައްތާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ ފެންވަރުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތާއީދުކުރާ ކަމަށާއި، މި ވެރިކަމުގައި އޭސީސީ، ދިވެހި ފުލުހުންގެ ޚިދުމަތް އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އެ އިދާރާތަކުން ވަކި ޕާޓީއަކަށް ނުޖެހި، ކޮރަޕްޝަންގެ މައްސަލަތައް ހިންގާފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާކަން ހާމަވެގެންގޮސްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެފަދަ ތަޙުޤީޤުތައް ކުރިއަށް ގެންދިއުމަށް އިތުރު ވަގުތާއި ވަސީލަތްތައް ބޭނުންވާ ކަމަށް ޕީއެންސީން ފާހަގަކޮށްފައިވާއިރު، ކަމާބެހޭ އިދާރާތަކުން މަސައްކަތްތައް އަވަސްކޮށް، ހެއްކާއި ޤަރީނާ ހޯދުމަށާއި، ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ލަސްނުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި ކޮރަޕްޝަނަކީ ހަމައެކަނި ތަރައްޤީއަށް ހުރަސްއަޅާ ކަމެއް ނޫންކަމަށާއި، ޤައުމުގެ އެންމެ މުހިންމު އެސެޓްކަމުގައިވާ ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރާކަން ފާހަގަކޮށްފައިވެއެވެ.

މިހާރު ސަރުކާރުގެ އެންގެވުމުގެ ދަށުން، އޭސީސީއާއި ފުލުހުން ދަނީ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމުގެ މައްސަލަތައް ތަޙުޤީޤުކުރަމުންނެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަނުވާ ފަރާތްތަކަށް ގޯތި ދޫކުރި މައްސަލައިގައި އެޗްޑީސީގެ ބޯޑުގެ އިސް މެންބަރުން ވަނީ ސަސްޕެންޑް ކުރެވި، އެ ފަރާތްތަކުގެ ޕާސްޕޯޓުތައްވެސް ހިފެހެއްޓިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.