މޫކޭގެ ގެ ބަލާ ފާސްކުރީ އިދިކޮޅު ފަރާތްތަކަށް ފުރައްސާރަކުރުމުގެ ގޮތުން: އެމްޑީޕީ

މޫކޭގެ ގެ ބަލާ ފާސްކުރީ އިދިކޮޅު ފަރާތްތަކަށް ފުރައްސާރަކުރުމުގެ ގޮތުން: އެމްޑީޕީ

Author
ހުސައިން
28 ޑިސެމްބަރ 2024 11:27
0

އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ގެ ގެއަށް ފުލުހުން ވަދެ، ބަލައި ފާސްކުރި މައްސަލައާ ގުޅިގެން އެމްޑީޕީން ބަޔާނެއް ނެރެފިއެވެ. އެމްޑީޕީން ބުނެފައިވަނީ މިއީ އިދިކޮޅު ފަރާތްތަކަށް ފުރައްސާރަކުރުމުގެ ގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށެވެ.

މި މައްސަލައަކީ އާރުޑީސީގެ އެކައުންޓުގައި ހުރި ގާތްގަނޑަކަށް 14 މިލިއަން ރުފިޔާ، އެ ތަނުގެ އިސް މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެހެން ފަރާތްތަކަށް ފޮނުވާފައިވާކަމުގެ ތުހުމަތުގައި ބަލަމުންދާ މައްސަލައެކެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ފުލުހުން ވަނީ މޫސާ އަލިމަނިކާއި އެހެން މީހުން ދިރިއުޅޭ ތިން ތަނަކަށް ވަދެ، ބަލައި ފާސްކޮށް، ބައެއް އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ މި ސަރުކާރުން މިފަހުން ހިންގަމުންދާ ކަންކަމަކީ ޑިމޮކްރެޓިކް ނިޒާމުގެ ދަށުން ލިބިދޭ މިނިވަންކަމަށް ހުރަސްއަޅައި، އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ކުރާ ކަމެއް ކަމަށެވެ. އަދި ފުލުހުންގެ މި ތުހުމަތަކީ އިދިކޮޅު މެންބަރުންގެ އަގު ވައްޓާލައި ބަދުނާމުކުރުމަށް ކުރާ ކަމެއްކަމަށް ބުނެފައިވެއެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި، އޭސީސީގެ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން އެ ކޮމިޝަނުގެ މިނިވަންކަން ގެއްލި، ފުލުހުންގެ އަމަލުތައް ހުރި ގޮތުން އެ މުއައްސަސާއަށްވެސް އިތުބާރު ނުކުރެވޭ ކަމަށެވެ. އަދި މޫސާ އަލިމަނިކުގެ ގެ ބަލައި ފާސްކުރުމަކީ އެންސްޕާއާއި އެޗްޑީސީގެ ކޮރަޕްޝަން މައްސަލަތަކުގެ އަޑު ކަނޑުވާލުމަށް ކުރި ކަމެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ހާޒިރުކޮށް، އާރުޑީސީގެ އޮފީސްވެސް ބަލައި ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.