އަންނަ އަހަރުގެ ބަޖެޓުން މީޑިއާތަކަަށް ދިނުމަށް ބަޖެޓުން ކަނޑައެޅި 27.9 މިލިއަން ރުފިޔާ ދޫކުރާނެ އުސޫލު ވަރަށް އަވަހަށް އެކުލަވާލާ ނިމޭނެކަމުގައި ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ. އަދި އޭނާ ވިދާޅުވެފައިވަނީ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލު އެކުލަވައިލުމުގެ މަސައްކަތް މިހާރު ވަނީ އެންމެ ފަހު މަރުހަލާގައި ކަމުގައެވެ.
އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި، ދައުލަތުގެ އާމްދަނީން 0.1 ޕަސެންޓް، ނުވަތަ 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މީޑިއާތަކަށް ބަޖެޓުން ފައިސާ ދޫކުރުމުގެ އުސޫލު އެކުލަވައިލުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން ވަނީ ފަށައިފައި ކަމަށެވެ. އަދި މި އުސޫލާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީ އާއި އެހެނިހެން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް ކަނޑައެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށްލެވެއެވެ.