ރާއްޖޭގައި 12 އަހަރެއްހާ ދުވަސް ވަންދެން ދިރިއުޅެމުން އަންނަ ފްރާންސްގެ މުސްލިމު އާއިލާއެއް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން ފެށުމާއެކު މި މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދުގެ ބުނެފައިވަނީ، މި އާއިލާއަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ހަ މެންބަރުންގެ އާއިލާއެކެވެ. މި މައްސަލައިގެ މަޢުލޫމާތު އިމިގްރޭޝަނަށް ލިބުނީ 2024 ވަނަ އަހަރުގެ ޖުލައި 18 ވަނަ ދުވަހުއެވެ. އެއަށްފަހު އޮކްޓޫބަރު 23 ގައި އާއިލާގެ އިސްފަރާތް އިމިގްރޭޝަނަށް ހާޒިރުކޮށް މައްސަލަ ބަލައި ތަޙުޤީޤުކޮށްފައިވެއެވެ.
މި އާއިލާގެ މެންބަރުންގެ ޕާސްޕޯޓުތަކުގެ މުއްދަތު ހަމަވެފައިވާތީ، އެ މީހުން ފުރުވާލުމަށް ބޭނުންވާ ދަތުރުފަތުރުގެ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅިގެން ކުރިއަށްދާކަމަށް ޝައްމާން ހާމަކުރެއްވިއެވެ. އަދި މި ލިޔެކިޔުންތައް ލިބުމުން ވީ އެންމެ އަވަހަކަށް އެ މީހުން ފުރުވާލެވޭނެ ކަމަށާއި، ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އާއިލާ ރާއްޖޭގައި އުޅެމުންދަނީ ތ. ވޭމަންޑޫގައެވެ. އެ ރަށުގައި އެމީހުން ދިރިއުޅެމުންދާ އެތައް އަހަރެއް ވެފައިވާކަމަށް އެނގިފައި ވެއެވެ. މީގެ ކުރިން އެ މީހުން ވަނީ ރާއްޖޭގެ އެހެން ދެތިން ރަށެއްގައިވެސް ދިރިއުޅެފައެވެ. އާއިލާގެ މެންބަރުން އިތުރުވެ ހަ މެންބަރުންގެ އާއިލާއަކަށް ވެގެން ދިޔައީވެސް ރާއްޖޭގައި އުޅެނިކޮށެވެ. އަދި އެ މީހުން އިސްލާމްދީން ޤަބޫލުކޮށްފައިވަނީވެސް ރާއްޖޭގައި އުޅެނިކޮށެވެ.
ފްރާންސްއަކީ މުސްލިމުންނާއި އިސްލާމީ ޝިޢާރުތަކާ ދެކޮޅު ޤައުމަކަށްވެފައި، މި އާއިލާގެ އަންހެނުންނާއި އަންހެން ކުދިން ނިޤާބު އަޅައިގެން އުޅޭތީ، އެ މީހުން ފްރާންސަށް ފޮނުވާލުމަކީ ނުރައްކާތެރި ކަމެއްކަމަށް ބުނެ އެ މީހުން ފްރާންސަށް ދާން ދެކޮޅު ހަދަމުންދެއެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ އިމިގްރޭޝަންގެ ނިންމުމާމެދު ކަންބޮޅުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ