މާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއިން މާލެ ސިޓީގެ ވައިޓަލް ރަޖިސްޓްރޭޝަންގެ ހިދުމަތް ދެމުންދިޔަ އިމާރާތަށް ލިބުނު ގެއްލުންތަކާ ގުޅިގެން، އަލުން މި ހިދުމަތް މާލެއިން ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދީފިއެވެ.
މި ހާދިސާ ހިނގި އިމާރާތަކީ ތިން މިނިސްޓްރީއެއް ހިނގަމުންދިޔަ ޓިނު ބިލްޑިންގ އެވެ. މިވަގުތު ވައިޓަލް ރަޖިސްޓްރޭޝަންގެ ހިދުމަތް ދެމުން ގެންދަނީ ހުޅުމާލޭ އަމީން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އޮފީހުންނެވެ. ނަމަވެސް މި ހަފުތާގެ ތެރޭގައި މާލެއިން މި ހިދުމަތް އަލުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީގެ ގޯތިތެރޭގައި ހުރި މާލެ ސިޓީ ކައުންސިލްގެ ދެ ސެކްޝަނުން ސަލާމަތްކުރެވުނު ތަކެތި ރައްކާތެރި ތަނެއްގައި ގުދަންކޮށް، އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި ތެމިފައިވާ ލިޔެކިއުންތައް ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި ހާދިސާއިން އެންމެ ބޮޑު ގެއްލުން ލިބުނު ހައުސިން މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ހިދުމަތްތައް މިހާރު ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.