ރަޝިއާގެ އިދިކޮޅު ލީޑަރު ނަވާލްނީ: މިހާރު ހުންނެވީ ގައުމުން ބޭރުގައި

ރަޝިއާއިން އިދިކޮޅު ލީޑަރަށް: އޮތްގޮތަކީ ވަގުތުން އެބުރި ގައުމަށް އައުން ނުވަތަ ޖަލަށް ދިއުން

ރަޝިއާއިން އިދިކޮޅު ލީޑަރަށް: އޮތްގޮތަކީ ވަގުތުން އެބުރި ގައުމަށް އައުން ނުވަތަ ޖަލަށް ދިއުން

ރަޝިޔާގެ ޖަލުތަކާ ބެހޭ އޭޖެންސީން، އެގައުމުގެ އިދިކޮޅު ލީޑަރު ނަލާވްނީއަށް ގައުމަށް އެބުރި އައުމަށް އެންމެ ފަހުގެ މުހުލަތު ދީފިއެވެ.

ޖަލުތަކާބެހޭ އޭޖެންސީން ނަވާލްނީއަށް އަންގާފައިވަނީ، މިހަފްތާގެ އަންގާރަ ދުވަހު ގައުމަށް އެބުރި ވަޑައިގެން މޮސްކޯގައި ހުންނަ އޮފީހަކަށް ހާޒިރުވުމަށް، ނުވަތަ މިމުހުލަތުގައި ރަޝިޔާއަށް ވަޑައިނުގެންފި ނަމަ، ދެން ދާންޖެހޭނީ ޖަލަށް ކަމުގައެވެ.

ނަވާލްނީ، މިއަހަރުގެ އޮގްސްޓުމަހު، އެއަރ އެމްބިއުލާސެއްގައި ޖަރުމަނުވިލާތަށް ގެންދެވުނީ، ވައިގެމަގުން ރަޝިއާއަށް ދަތުރު ކުރަމުން ދަނިކޮށް، ދަތުރު ކުރަމުންދިޔަ ފްލައިޓް ތެރޭގައި އާދަޔާ ޚިލާފަށް ބަލިވެ، އެމަޖެންސީ ހާލަތުގައެވެ.

ޖަރުމަނުވިލާތުންނާއި އަދި ހުޅަގުގެ ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި، ނަވާލްނީ މަރާލުމުގެ މަގުސަދުގައި ރަޝިއާ ސަރުކާރުން ވަނީ، ނާވް އޭޖެންޓެއް ކަމުގައިވާ ނޯވިޗޮކް ބޭނުންކޮށްގެން ނަވާލްނީއަށް ވިހަ ދީފައެވެ.

ރަޝިއާ ސަރުކާރުންވަނީ، ނަވާލްނީއަށް ވިހަދިންކަމުގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެންނާން ނެތްކަމަށާއި އަދި މިހާދިސާގައި އެގައުމުގެ އެއްވެސް ދައުރެއް ނޯންނާނެކަމަށް ބުނެފައެވެ.

ރަޝިއާގެ ފެޑެރަލް ޕްރިޒަން ސާވިސް (FSIN)އިން ހޯމަދުވަހު ބުނެފައިވަނީ، 2014 ވަނަ އަހަރު އޭނާގެ މައްޗަށް ކޮށްފައިވާ، އެހެންނަމަވެސް ތަންފީޒުކުރުން ލަސްކޮށްފައިވާ ޖަލުހުކުމާއި ގުޅޭ ޝަރުތުތަކާއި ޚިލާފުވެފައި ކަމަށާއި، އަދި އޭނާ މިހާރު އުޅެނީ ރަޝިއާގެ ކްރިމިނަލް އިންވެސްޓިގޭޝަން އޮތޯރިޓީއަށް ފިލައިގެން ކަމުގައެވެ.

އިގިރޭސިވިލާތުން ނެރޭ ސިއްޙީ މަޖައްލާއެއް ކަމުގައިވާ، "ދަ ލެސެންޓް" އާއި ހަވާލާދީ، އޭނާއަށް ދީފައިވާ ފަރުވާއާއި ގުޅޭގޮތުން ރަޝިއާގެ ފެޑެރަލް ޕްރިޒަން ސާވިސްއިން ބުނެފައިވަނީ، ނަވާލްނީ ޖަރުމަނުވިލާތުގެ ހޮސްޕިޓަލުން ދޫކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހުގައި ކަމަށާއި އަދި ވިހައިގެ ހުރިހާ އަސަރެއް އޮކްޓޯބަރ 12 ވަނަ ދުވަހުންފެށިގެން އޭނާގެ ހަށިގަޑުން ފިލައިގެން ގޮސްފައިވާ ކަމަށެވެ.

"އެހެންކަމުން، ތުހުމަތު ކުރެވޭ މިމީހާއަށް ކޯޓުން ކޮށްފައިވާ ޝަރުތުތަކަށް އޭނާ ތަބާވަމުން ނުދާތީއާއި، އަދި އޭނާ މިހާރު އުޅެމުންދަނީ، ރަޝިއާގެ ކުރިމިނަލް އިންސްޕެކްޓޮރޭޓަށް ފިލައިގެންކަންވެސް ހާމަ ކުރަން،" ރަޝިއާގެ ފެޑެރަލް ޕްރިޒަން ސާވިސްއިން ބުނެފައި ވެއެވެ.

ވައްކަމުގެ ތުހުމަތުގައި ނަވާލްނީގެ މައްޗަށް ރަޝިއާގެ ކޯޓުން ކޮށްފައިވާ، އެހެންނަމަވެސް ތަންފީޒުކުރުން ފަސްކޮށްފައިވާ 3 އަހަރާއި ބައިގެ ހުކުމެއް ނަވާލްނީ ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. މި ހުކުމުގެ މުއްދަތު ހަމަވާ ގޮތަށް އޮތީ، މިހައަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ރަޝިއާގެ ޕްރިޒަން ސާވިސްއިން ހޯމަ ދުވަހު ބުނެފައިވަނީ، އެގައުމުގެ އިންޕެކްޝަން އޮތޯރިޓީއަށް ހާޒިރުވުމަށް ނަވާލްނީއަށް މިހާރުވަނީ ޗިޓް ފޮނުވިފައި ކަމަށެވެ. އަދި މީގެއިތުރުން، ތަންފީޒު ކުރުން ފަސްކޮށްފައިވާ ހުމުގެ ޝަރުތަކާއި އޭނާ ޚިލާފްވެފައިވާކަން ސާބިތު ވެއްޖެނަމަ، ހުކުމުގެ ތަންފީޒުކުރުމަށް އޭނާ އެބުރި ޖަލަށް ދާންޖެހޭނެ ކަމަށެވެ.

ރަޝިއާގެ ޕްރިޒަން ސާވިސްއިން، ނަވާލްނީ އެބުރި ގައުމަށް އައުމަށް ދީފައިވާ މުހުލަތުގެ ވަކި ތާރީޚެއް ހާމަ ކޮށްފައި ނުވިނަމަވެސް، ނަވާލްނީ ވަނީ އޭނާގެ ގާނޫނީ ވަކީލަށް ލިބިފައިވާ މެސްޖްގެ ސްކްރީން ޝޮޓެއް އާންމުކޮށްފައެވެ. އެ ސްކްރީން ޝޮޓްގައި ވާގޮތުން، މޮސްކޯގެ އޮފީހަކަށް ނަވާލްނީ ހާޒިރުވާން ޖެހެނީ، މިހަފްތާގެ އަންގާރަ ދުވަހުގެ ރަޝިއާ ގަޑިން ހެދުނުޗ9:00 އަށެވެ.

ނަވާލްނީގެ ތަރުޖަމާން، ޓުވިޓަރގައި ބުނެފައިވަނީ، އޭނާ އަދިވެސް ގެންދަވަނީ، ވިހަދިނުމުން ލިބުނު ސިއްޙީ ގެއްލުންތަކަށް ފަރުހޯއްދަވަމުން ކަމަށްވާތީ، އެބުރި ގައުމަށް ވަޑައިގެންނެވުމަކީ މިވަގުތަށް ވާނެ ކަމެއް ނޫންކަމުގައެވެ. އަދި އޭނާ ތުހުމަތު ކޮށްފައިވަނީ، ރަޝިއާގެ ޕްރިޒަން ސާވިސްއިން އަމަލު ކުރަމުން ގެންދަނީ، ކްރެމްލިންއިން އަންގާ ގޮތުގެމަތިން ކަމަށެވެ.

"ނަވާލްނީއަށް މާދަމާއަށް، މޮސްކޯގެ ކްރިމިނަލް އިންސްޕެކްޓޮރޭޓަށް ހާޒިރުވުމަކީ އެއްގޮތަކަށް ވާނެ ކަމެއް ނޫން. ރަޝިއާގެ ފެޑެރަލް ޕްރިޒަން ސާވިސްއަކީ ހަމަ ގަބޫލު ކުރާ ބައެއްބާ؟ އެމީހުން ތަންފީޒު ކުރަމުން އެދަނީ އެމީހުންނަށް އަންނަ އޯޑަރުތައް،" ނަވާލްނީގެ ތަރުޖަމާން ޓުވިޓަރގައި ލިޔެފައި ވެއެވެ.

ކްރެމްލިންއިން ބުނެފައިވަނީ، ރަޝިއާގެ އެހެން ރައްޔިތުންނެކޭ އެއްފަދައިން، ނަވާލްނީއަށްވެސް އެބުރި ގައުމަށް އައުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *