އެންސީއައިޓީގެ ސާވާގައި ހުރީ ލޭންޑް ޔޫޒް ޕްލޭންތަކުގެ މައުލޫމާތު އެކަނި: ހައިދަރު

އެންސީއައިޓީގެ ސާވާގައި ހުރީ ލޭންޑް ޔޫޒް ޕްލޭންތަކުގެ މައުލޫމާތު އެކަނި: ހައިދަރު

އެންސީއައިޓީގެ ސާވާގައި ހުރީ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ލޭންޑް ޔޫޒް ޕްލޭންތަކުގެ މައުލޫމާތު އެކަނި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގައި ހުރި ގިނަ ސާވާތަކަށް ގެއްލުން ލިބުނެވެ. ނަމަވެސް މިނިސްޓްރީން ބަލަހައްޓަމުންދާ މައުލޫމާތުތައް މައިކްރޮސޮފްޓް ވަންޑްރައިވް، ގޫގުލް ޑްރައިވް އަދި އެންސީއައިޓީގެ ސާވާގައިވެސް ރައްކާކުރަމުން ގެންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތްތައް ފިޒިކަލް ސާވާގައި ރައްކާކުރަމުންދާ ކަމަށާއި، އަލިފާނުގެ ސަބަބުން އެ ސާވާއަށް ލިބުނު ގެއްލުމާ ގުޅިގެން އޭގައި ހުރި މައުލޫމާތުތައް އަނބުރާ ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވުނު ޕްރެސް ބްރީފިންގައި އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ގެއްލިފައި ނުވާ ކަމަށެވެ. އަދި ބިންވެރިޔާ ސްކީމާއި، ގެދޮރުވެރިޔާ ސްކީމާއި، ލޯނުގެ މައުލޫމާތުތައް ކްލައުޑްގައި ރައްކާކުރެވިފައިވާ ކަމަށް ޔަގީންކަން ދެއްވިއެވެ.

ނަމަވެސް ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެފައިވަނީ ހައުސިން މިނިސްޓްރީގެ ޑޭޓާ ބެލެހެއްޓުމުގެ ނިޒާމު ރަނގަޅު ނޫންކަން ކުރީގެ ސަރުކާރުން އެންގި ނަމަވެސް، އެކަމާ އެ މިނިސްޓްރީން އިންކާރުކުރި ކަމަށެވެ. އަދި މި ހާދިސާއިން ފިލާވަޅު ލިބިގެން، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ހުރިހާ އިދާރާއަކުންވެސް އެންސީއައިޓީގެ ޚިދުމަތް ބޭނުންކުރާނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *