ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުން ކުރުމާއި ވިއްކުން މިރޭ 12 އިން ފެށިގެން މަނާވާނެއެވެ.
މި ބަދަލު ގެނައީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކުގައެވެ.
ދުންފަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލިހަށް ހުށަހެޅީ މިދިޔަ އޮކްޓޯބަރުގައެވެ. އަދި އެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ މަހުގައެވެ.
އެ ބިލް ގާނޫނަކަށް ވެފައިވާ އިރު، މި މަހު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުމާއި ވިއްކުން މަނާވާނެއެވެ. އަދި އެކަން ކުރާ ފަރާތްތަކާ މެދުގައި ބޮޑެތި ޖޫރިމަނާތަކެއް ކުރުމަށް ކަނޑައަޅާފައިވެއެވެ.
ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެއްޗެއްސަށް ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެއެވެ. އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.
އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމަށްވާ ނަމަ، އިތުރު 50،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ. އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެއެވެ.
ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރަކީ ގާނޫނުގައި މިހާރު އޮތް ގޮތުން އުމުރުން 21 އަހަރެވެ. އެހެން ކަމުން މިރޭ 12 އިން ފެށިގެން، 21 އަހަރުން ދަށުގެ ޒުވާނުންނަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ މަނާ ކަމަކަށްވާނެއެވެ. ކުރިން މި ގާނޫނުގައި ދުންފަތް ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރަކީ 18 އަހަރެވެ.
ވޭޕް އެތެރެކުުރުމާއި ބޭނުންކުރުމާއި ވިއްކުން އަދި ބެހުން މަނާކޮށްފައިވާ އިރު، ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ވެސް ބޮޑުތަނުން ބޮޑުކޮށްފައެވެ. މިއާއެކު، ސިނގިރޭޓުގެ އަގު ވަނީ 100ރ. އިން 250ރ. އަށް ބޮޑުވެފައެވެ.