އަންނަ އަހަރު ދިވެހި ބަހާއި ދިވެހިވަންތަކަމަށް އިސްކަންދިނުން އައު އަހަރުގެ އަޒުމެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ގޮވާލައްވާފިއެވެ.
އޭނާ މިކަމަށް ގޮވާލެއްވީ ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތާޖުއްދީން ސްކޫލްގައި ބޭއްވުނު މި ޖަލްސާގައި ވަޒީރު ވިދާޅުވި ގޮތުގައި، ކޮންމެ ދަރިވަރަކުވެސް ބަހާއި އަދަބިއްޔާތާއި ދިވެހިވަންތަކަމުގެ ދާއިރާއިން ކޮންމެވެސް އެއްކަމެއް އަމިއްލަ ނަފްސުގެ މައްޗަށް އިސްކުރުމަކީ މުހިންމު ކަމެކެވެ. މީގެ ތެރޭގައި ސްކޫލު މާހައުލުގައްޔާއި ރައްޓެހިންގެ މެދުގައި މުއާމަލާތްކުރުންފަދަ ކަންކަމުގައި މި ދާއިރާތަކުން ބޭނުންހިފުން ހިމެނެއެވެ.
މި ޖަލްސާގައި ވަނީ ތިން މުހިންމު އަދަބީ މުބާރާތެއްގެ ނަތީޖާ އިއުލާނުކޮށްފައެވެ. އެއީ އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވުނު މަޒުމޫނު ލިޔުމުގެ 39 ވަނަ ގައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވުނު ކުރުވާހަކަ ލިޔުމުގެ 36 ވަނަ ގައުމީ މުބާރާތާއި، ހުތްއަލީދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވުނު ޅެންހެދުމުގެ 27 ވަނަ ގައުމީ މުބާރާތެވެ.
މި މުބާރާތްތަކަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުނު މުބާރާތްތަކެކެވެ. މުބާރާތްތަކުގައި ސްކޫލުތަކުގެ ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީ ގިންތިތަކުގެ އިތުރުން، އަމިއްލަ ފަރާތްތަކުގެ 18 އަހަރުން ދަށާއި 18 އަހަރުން މަތީގެ ގިންތިތަކުން ވާދަކުރި ފަރާތްތަކުގެ ތެރެއިން އެންމެ މޮޅު ވާދަވެރިން ވަނީ ހޮވާފައެވެ.
މި އަހަރުގެ މުބާރާތްތަކުގައި ޖުމުލަ 2,423 ބައިވެރިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި މަޒުމޫނު ލިޔުމުގެ މުބާރާތުގައި 999 ބައިވެރިންނާއި، ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި 931 ބައިވެރިންނާއި، ޅެންހެދުމުގެ މުބާރާތުގައި 493 ބައިވެރިން ހިމެނެއެވެ. މުބާރާތްތަކުގައި މާލެ ސަރަޙައްދުގެ 21 ސްކޫލަކާއި އަތޮޅުތެރެއިން 100 ސްކޫލެއްގެ ދަރިވަރުން ވަނީ ވާދަކޮށްފައެވެ.