ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގެ ވަގުތެއްގައި ދަރުބާރުގެއަށް ވަޑައިގެން، އަލިފާނުގެ ހާދިސާއިން ގެއްލުން ލިބުނު ތިން ވުޒާރާގެ މަސައްކަތްތައް އެތަނަށް ބަދަލުކުރުމުގެ ތައްޔާރީތައް ބައްލަވާލައްވައި، އެކަމަށް ބޭނުންވާ އިރުޝާދުތައް ދެއްވިއެވެ.
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއާއި އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ އިތުރުން، އިމާރާތާ އިންވެގެން ހުންނަ ގްރީން ބިލްޑިންގގައި ހުރި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއަށްވެސް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ހުއްޓިފައިވާ ތިން ވުޒާރާގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި، ސަރުކާރުން ވަނީ އެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރަން ފަށާފައެވެ. ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވި ގޮތުގައި، އެ ވުޒާރާގެ މަސައްކަތްތައް އާދީއްތަ ދުވަހުން ފެށިގެން އަލުން ފެށޭނެއެވެ. އަދި އެހެން ދެ ވުޒާރާގެ މަސައްކަތްތައްވެސް ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ