ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީގެ ރެޖިސްޓްރޭޝަން އޮފީހަށް ލިބުނު ގެއްލުންތައް ފޫބައްދަން 4.5 މިލިއަން ރުފިޔާގެ އެމަޖެންސީ ބަޖެޓެއް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗަރ މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެންވަޔަރަންމަންޓް މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ސެކްޝަނާއި ލޭންޑް ސެކްޝަން ހިންގަމުން އައި އިމާރާތަށްވެސް ވަނީ ގެއްލުން ލިބިފައެވެ. ގެއްލުން ލިބުނު ކައުންސިލްގެ އިމާރާތަކީ މާލޭ ރައްޔިތުންގެ އުފަންވުމާއި މަރުވުމުގެ ރެޖިސްޓްރޭޝަންތަކާއި، ރަށްވެހިކަމާއި ގޯތިތަކުގެ ރެޖިސްޓްރޭޝަން ފަދަ މުހިންމު ލިޔެކިޔުންތަކުގެ އަސްލު ބަހައްޓާފައި ހުންނަ ތަނެވެ.
އެމްއެންޑީއެފްގެ އޮފިސަރުންނާއި ކައުންސިލްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެތަނުގައި ހުރި ގިނަ އަދަދެއްގެ ލިޔެކިޔުންތަކާއި މުދާ ވަނީ ސަލާމަތްކުރެވިފައެވެ. މި ހާދިސާއާ ގުޅިގެން ބޭއްވުނު ކުއްލި ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ހުށަހެޅުއްވި 4.5 މިލިއަން ރުފިޔާގެ އެމަޖެންސީ ބަޖެޓް ވަނީ ކައުންސިލުން ފާސްކޮށްފައެވެ.
މި ބަޖެޓް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އޮފީސް ހިންގުމަށް ބޭނުންވާ ސެޓަޕް ހެދުމަށާއި ފަރުނީޗަރު ހޯދުމަށެވެ. އަދި އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ހިފަން ޖެހިއްޖެނަމަ އެކަމަށްވެސް މި ބަޖެޓުން ޚަރަދުކުރެވޭނެކަމަށް މޭޔަރު އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރެޖިސްޓްރޭޝަން އޮފީސް ހިންގާނެ ތަނެއް ހަމަޖައްސައި ދިނުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަހްމަދު ނިމާލަށް ދަންނަވާފައިވީ ނަމަވެސް، އެކަމުގައި އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަންވެސް މޭޔަރު އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.