ހައުސިން މިނިސްޓްރީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ މުހިންމު ލިޔެކިޔުންތަކެއް ހަލާކުވެ، ރައްރަށުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ މައުލޫމާތުތައްވެސް ގެއްލިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
މި ހާދިސާގައި އެ އިމާރާތުގައި ހިންގަމުން އައި ތިން މިނިސްޓްރީއަކަށް ލިބުނު ގެއްލުމާ ގުޅިގެން، އެ މިނިސްޓްރީތަކުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑި، އަލުން އާދިއްތަ ދުވަހުން ފެށިގެން ދަރުބާރުގޭގައި ޚިދުމަތްތައް ދޭން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ކްލައުޑް ސާވަރުގައި ރައްކާކޮށްފައި ހުރި ފްލެޓު ލިސްޓާއި، ގެދޮރުވެރިޔާ ސްކީމާއި، ބިންވެރިޔާ ސްކީމު އަދި ލޯނު ސްކީމުގެ މައުލޫމާތުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވިނަމަވެސް، އެހެނިހެން ގިނަ މުހިންމު ލިޔެކިޔުންތަކެއް އަނދައިގެން ގޮސްފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުގެ ބައެއް ޚިދުމަތްތަކަށްވެސް މި ހާދިސާގެ ސަބަބުން އަސަރުކޮށްފައިވާއިރު، ކައުންސިލުން ދެމުންއައި ޚިދުމަތްތައް ވަގުތީގޮތުން ހުޅުމާލެއަށް ބަދަލުކޮށްފައިވެއެވެ. އަލިފާނުގެ އަސަރުކުރި އިމާރާތުގައި ހުރި މާލޭ ރައްޔިތުންގެ އުފަން ރިކޯޑުތަކާއި، ރަށްވެހިކަމުގެ ސެޓްފިކެޓްތަކާއި، ގޯތިގެދޮރުގެ ރަޖިސްޓްރީތަކާއި، ރަށްވެހިންގެ ރަޖިސްޓްރީތަކާއި، އިމާރާތުގެ ހުއްދަތައް ފަދަ ލިޔެކިޔުންތަކުގެ ތެރެއިން ބައެއް ތަކެތި އިޔާދަ ނުކުރެވޭނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ 50 މީހުންނަށް ސޯޝަލް ސެންޓަރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެއެވެ.