ޕީކް ސީޒަންގައި މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ޕަސެންޓް ދަށަށް

ޕީކް ސީޒަންގައި މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ޕަސެންޓް ދަށަށް

ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމުގައިވާ މި މަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2 ޕަސެންޓް ދަށަށް ހިގައްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޑިސެމްބަރު 1 އިން 11 އަށް ރާއްޖެއަށް 62،249 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 63،523 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ޓެކްސްތައް ބޮޑުކުރުމުގެ ކުރިން، މެއި މަސް ފިޔަވައި މިއަހަރުގެ އެހެން ހުރިހާ މަހެއްގައިވެސް ފަތުރުވެރިންގެ އަދަދު އިތުރުވެފައިވެއެވެ. މިގޮތުން 2023 ވަނަ އަހަރު ޖުމްލަ 1.87 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ 11 ޑިސެމްބަރުގެ ނިޔަލަށް 1.89 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 8.7 ޕަސެންޓްގެ ކުރިއެރުމެކެވެ.

ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ފަތުރުވެރިންގެ އަދަދު ދަށްވަމުންދާއިރު، ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކެއް މިމަހުން ފެށިގެން ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޑިސެމްބަރު 1 އިން ފެށިގެން އެއަރޕޯޓް ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރެވިފައިވެއެވެ. އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު، ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު، އަދި ފަސްޓް ކްލާހުން ދަތުރުކުރާ ހުރިހާ ފަސިންޖަރުންގެ އަތުން 240 ޑޮލަރު ނެގޭނެއެވެ. އަދި ޕްރައިވެޓް ޖެޓުތަކުން ފުރާ ފަސިންޖަރުންގެ އަތުން 480 ޑޮލަރު ނެގޭނެއެވެ.

މީގެއިތުރުން، ކުރިއަށް އޮތް މަސްތަކުގައި އިތުރު ޓެކްސްތަކެއްވެސް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖެނުއަރީ މަހުން ފެށިގެން ގެސްޓްހައުސްތަކުގެ ގްރީން ޓެކްސް 3 ޑޮލަރުން 6 ޑޮލަރަށް، އަދި ރިސޯޓުތަކާއި ސިޓީ ހޮޓާތަކުގެ ގްރީން ޓެކްސް 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރެވޭނެއެވެ. އަދި ޖުލައި މަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް އިތުރުކުރެވޭނެއެވެ.

މި ހުރިހާ ޓެކްސްތަކެއް ބޮޑުކުރުމުން ދައުލަތަށް ލިބޭ އާމްދަނީ 3 ބިލިއަން ރުފިޔާއިން އިތުރުވާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. ނަމަވެސް މިފަދައިން ޓެކްސްތައް ބޮޑުކުރުމުން ރާއްޖެއަކީ އަގުބޮޑު މަންޒިލަކަށްވެ، ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވެދާނެކަމުގެ ކަންބޮޑުވުން ވަނީ ތަޖުރިބާކާރުން ފާޅުކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *