މިހާރުގެ ސަރުކާރަށް ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ނުކެރޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މި ވާހަކަ ޔާމީން ދައްކަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ގެއްލުމުގެ ބަދަލުގެ މައްސަލައިގެ ނިންމުމާ ގުޅިގެންނެވެ. މި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ލަފާދިނުމަށް ވަނީ ފާސްކޮށްފައެވެ.
ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، މަޖިލީހުގެ ތިންވަނަ ދައުރުގައި ވައްކަމުގެ މައްސަލަތައް ބެލުމަށް މަސައްކަތްކުރި ކޮމިޓީތަކަށް ގެންދިޔައީ ހަމައެކަނި ޕީއެންސީގެ ފަރާތްތައް ކަމަށާއި، އެމްޑީޕީ ސަރުކާރުގެ އެއްވެސް މީހަކު ގެންދިޔަތަން ފެނިފައި ނުވާ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޔާމީން ފާހަގަކުރެއްވީ، ކުރީ ސަރުކާރުގެ ސެޓެލްމެންޓް މައްސަލަތަކުގައި އެންމެ އިސްކޮށް އުޅުއްވީ ފައްޔާޒު ކަމަށާއި، އޭނާގެ ދީލަތިކަމުގެ ދުމުގައި ނުޖެހޭ ވެރިޔަކު ޕީއެންސީގައި ނުހުންނާނެ ކަމަށެވެ. މިގޮތުން ޕީއެންސީގެ އިސް ފަރާތްތަކުން ފައްޔާޒުގެ އަތުން ޓެންޑަރު މަރުހަލާއެއް ނެތި މަޝްރޫއުތައް ނަގާފައިވާ ކަމަށް ވިދާޅުވިއެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ކުރީގެ ރައީސް ސޯލިހް، ފައްޔާޒު އަދި ޝިޔާމު ވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުން އެ ބޭފުޅުންނާ މަތިކޮށްފައިވާ ޒިންމާއާ ހިލާފަށް، ދައުލަތުގެ މުދަލާއި ފައިސާ އޭގެ ހައްގުވެރިން ނޫން ބަޔަކަށް ހޯދައިދިނުމަށް މަސައްކަތްކުރައްވާފައި ކަމަށެވެ. މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށްފަހު، ދައުވާކުރެވޭ މިންވަރަށް ހެކި ލިބިއްޖެނަމަ ދައުވާކުރުމަށް ވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.