ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލްގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގަން އުޅެނީ ސަރުކާރުގެ ނާޤާބިލުކަމުން ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މާލިއްޔަތު ކޮމިޓީން މަޖިލީހަށް ހުށަހެޅި މައްސަލައަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެކުލަވާލި ސެޓްލްމަންޓް ކޮމިޓީން އެތައް ބަޔަކަށް ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާއާއި ފަޅުރަށް ދިނުމުގައި ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ މަޤްޞަދުގައި ޢަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތެވެ. މި މައްސަލައިގައި ރައީސް ސޯލިހާއި ފައްޔާޒުގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި ސެޓްލްމަންޓް ކޮމިޓީގެ ޗެއަރ އަލީ ޝިޔާމްގެ މައްޗަށްވެސް ތަޙުޤީޤު ހިންގުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގެ ތުހުމަތުގައި ފައްޔާޒަކީ ސެޓްލްމަންޓް ކޮމިޓީގެ މެންބަރެއް ނޫން ނަމަވެސް، ބަދަލު ދިނުމުގެ އެއްބަސްވުންތައް ހެދުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ފަރާތެއް ކަމަށް ބުނެފައިވެއެވެ.
ޝާހިދު ވިދާޅުވެފައިވަނީ ރައީސް މުޢިއްޒުގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން މި ތަޙުޤީޤު ހިންގަން އެންގީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ކަމަށާއި، މިއީ ރައީސް ސޯލިހުގެ ވެރިކަމުގައި ޤާއިމުކުރެވުނު ހެޔޮވެރިކަމާއި ޑިމޮކްރަސީގެ އުސޫލުތައް ނައްތާލުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިއީ ދައުލަތުގެ ދަރަނި އިތުރުވަމުންދިއުމާއި ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުމުގެ މައްސަލައިގައި ޖަވާބުދާރީނުވުމަށް، ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކުރުމަށް ކުރާ ފިނޑި މަސައްކަތެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ