މިއަހަރު ސަބްސިޓީއަށް އަންދާޒާކުރި ވަރަށްވުރެ ހޭދަ 16 އިންސައްތަ އިތުރު ވެއްޖެ

މިއަހަރު ސަބްސިޓީއަށް އަންދާޒާކުރި ވަރަށްވުރެ ހޭދަ 16 އިންސައްތަ އިތުރު ވެއްޖެ

Author
ހުސައިން
13 ޑިސެމްބަރ 2024 09:41
0

މި އަހަރަށް ފާސްކުރި ބަޖެޓުގައި ސަބްސިޑީތަކަށް ހޭދަވާނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ 16 އިންސައްތަ އިތުރަށް ހޭދަވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ދައުލަތުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ނޮވެމްބަރ 28 ގެ ނިޔަލަށް ސަބްސިޑީތަކަށް 3.2 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. މިއީ އަހަރަށް ފާސްކުރި ބަޖެޓުގައި ސަބްސިޑީތަކަށް ހޭދަވާނެ ކަމަށް އަންދާޒާކުރި 2.8 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ. ނަމަވެސް، މި އަހަރުގެ ހޭދަ ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ދަށްވެފައެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ސަބްސިޑީތަކަށް 3.6 ބިލިއަން ރުފިޔާ ހޭދަވިއިރު، އެއާ އަޅާބަލާއިރު މި އަހަރުގެ ހޭދަ ވަނީ 8.6 އިންސައްތަ ދަށްވެފައެވެ. މި ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ މަހުގެ އަގަށް ގެނެވުނު ބަދަލާ ގުޅިގެން މިފްކޯއަށް ދޭ ސަބްސިޑީ ދަށްވުމެވެ.

2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، ސަބްސިޑީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހިމަނާފައެވެ. މި ބަދަލުތަކުގެ ދަށުން، ކުންފުނިތަކަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި، އެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރުދުންނަށް ސީދާ ސަބްސިޑީ ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މި ނިޒާމުގެ ދަށުން ސަބްސިޑީ ލިބޭނީ އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޕްރޮކްސީ މީންސް ޓެސްޓު މޮޑެލްގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

މި އައު ނިޒާމު އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ތަންފީޒުކުރަން ފެށުމުން، ކަރަންޓާއި، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެލާއި، ކާޑާއި ނަރުދަމާގެ ޚިދުމަތްތަކަށް ދެވޭ ސަބްސިޑީ ސީދާ އެހީ ބޭނުންވާ ފަރުދުންނަށް ލިބިގެންދާނެއެވެ. މި ބަދަލާ ގުޅިގެން 2025 ވަނަ އަހަރު 1.5 ބިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު 2.2 ބިލިއަން ރުފިޔާ ބަޖެޓުން ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުން މި ނިޒާމު ފަރުމާކޮށްފައިވަނީ އެންމެ ފަގީރު 20 އިންސައްތަ ގޭބީސީތަކަށް އިތުރު މާލީ ބުރައެއް ނުޖެހޭނެ ގޮތަށް، އަދި އެ ގޭބީސީތަކަށް އިތުރު ނަގުދު ފައިސާގެ އެހީތެރިކަން ލިބޭނެ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.