އީސީގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަން ކުރަން 2 ނަމެއް މަޖިލީހަށް ފޮނުވައިފި

އީސީގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަން ކުރަން 2 ނަމެއް މަޖިލީހަށް ފޮނުވައިފި

އިލެކްޝަން ކޮމިޝަނުގެ (އީސީ) ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހަށް ދެ ނަމެއް ހުށަހަޅައިފި އެވެ. މި ދެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތު އަދި މެންބަރު މުހައްމަދު އާސިފް މަގާމުން މިދިޔަ މަހުގެ 25 ވަނަ ދުވަހު މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ. މި ދެ މެންބަރުން މަގާމުން ވަކިކުރެވުނު އިރު އެ ފަރާތްތަކުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު އިސްކަންދެއްވާފައިވަނީ މުހައްމަދު ޒާހިދު (ރސ. 1548) އަދި އަބްދުއްރަހްމާން ސޮލާހް ރަޝީދު (ރޯޒް/ކ. ހުރާ) އަށެވެ. މި މަގާމުތަކަށް މީހުން އައްޔަންކުރުމަށްޓަކައި އިންޓަވިއުކުރާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ. އާންމު އުސޫލެއްގެ ގޮތުން މި ކޮމިޓީން އިންޓަވިއުކުރަނީ ރައީސް އިސްކަންދެއްވާފައިވާ ތަރުތީބުންނެވެ.

އީސީގެ ރައީސް އަހްމަދު ފުއާދު ތައުފީގުގެ ދައުރު ހަމަވުމާއި ދެ މެންބަރަކު ވަކިކުރުމާ ގުޅިގެން، އެ ކޮމިޝަންގެ ބައްދަލުވުންތަކުގެ ކޯރަމް ގެއްލި، މަސައްކަތްތައް ވަނީ ހުއްޓިފައެވެ. މިހާރު ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަންގައި ތިބީ އެންމެ ދެ މެންބަރުންނެވެ.

ގާނޫނުއަސާސީގެ 175 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވޭނީ އެ ކޮމިޝަންގެ ދެ ބައިކުޅަ އެއް ބަޔަށްވުރެ ގިނަ މެންބަރުން، އެބަހީ ތިން މެންބަރުން ހާޒިރުވެގެންނެވެ. އަދި ކޮމިޝަނުން އެއްވެސް ކަމެއް ނިންމޭނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެހެންކަމުން، މިހާރު އެ ކޮމިޝަންގައި އެންމެ ދެ މެންބަރުން ތިއްބެވުމުން ގާނޫނީ އަދަދު ހަމަނުވާތީ އެއްވެސް ޖަލްސާއެއް ބާއްވައި ނިންމުމެއް ނިންމުމުގެ ފުރުސަތެއް ނޯންނާނެއެވެ.

ފުއާދުގެ ދައުރު ހަމަވުމާ ގުޅިގެން، މެންބަރުކަމަށް އަބްދުލް ހަސީބު އިސްމާއިލް (ހުޅުމާލެ ހިޔާ 11-23-05) އައްޔަންކުރުމަށް މި މަހުގެ 5 ވަނަ ދުވަހު މަޖިލީހުން ވަނީ ރުހުން ދީފައެވެ. ނަމަވެސް އަދި އޭނާ އެ މަގާމަށް އައްޔަނެއް ނުކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *