އިންސާފުވެރި މުޖުތަމައެއް ގާއިމުކުރުމުގައި ރާއްޖެއިން ދަނީ ސާބިތުކަން ދައްކަމުން: ރައީސް

އިންސާފުވެރި މުޖުތަމައެއް ގާއިމުކުރުމުގައި ރާއްޖެއިން ދަނީ ސާބިތުކަން ދައްކަމުން: ރައީސް

Author
ހުސައިން
10 ޑިސެމްބަރ 2024 03:26
0

ޑިމޮކްރަސީގެ މައިގަނޑު ތަނބުތައް ކަމުގައިވާ ކަރާމާތާއި ހަމަހަމަކަމާއި އިންސާފުވެރި މުޖުތަމައެއް ގާއިމުކުރުމުގައި ރާއްޖެއިން ސާބިތުކަން ދައްކަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރާއިރު، އެ ހައްގުތައް ގުޅިލާމެހިފައިވާ މިންވަރު ފާހަގަކުރެވެއެވެ. އަދި އެހެން މީހުންގެ ހައްގުތަކަށް ވަކާލާތު ކުރުމަކީ އަމިއްލަ ހައްގުތައް ރައްކާތެރި ކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ ކަމެއް ކަމަށާއި، މިއީ 75 އަހަރު ކުރިން އުފެދުނު ޔޫއެންއެޗްޑީއާރުގެ އަސާސް ކަމުގައި ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ ރާއްޖޭގެ ޚާއްސަ ޖިއޮގްރަފީއާ އެއްގޮތްވާ ގޮތުގެ މަތިން، ސިއްހީ ޚިދުމަތާއި، ތައުލީމާއި، އަދުލު އިންސާފަށް ހަމަހަމަކަމާއެކު ވާސިލުވެވޭނެ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލައި، ސުލްހަވެރި، އެންމެން ބައިވެރިވާ މުޖުތަމައެއް ބިނާކުރަން މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމާއި، މަސައްކަތްތެރިންގެ ހައްގުތަކާއި، މިންތީގެ ހަމަހަމަކަމާއި، އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ތިމާވެއްޓެއް ގާއިމުކުރުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ. މިއީ ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސް ނުވަތަ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ގައުމުތަކުން ތަސްދީގުކޮށް އަމަލުކުރަން ފެށި ދުވަހެވެ. މިއަދާ ހަމައަށް އައިއިރު މި މުއާހަދާއަށް 76 އަހަރު ވެފައިވާއިރު، މި އަހަރުގެ ޝިއާރަކީ "އަހަރެމެންގެ ހައްގުތައް، އަހަރެމެންގެ މުސްތަގުބަލު. މިހާރުން މިހާރަށް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.