ޤާނޫނީ އޮނިގަނޑެއްގެ ދަށުން ބޭރު ފައިސާގެ މުޢާމަލާތްތައް ބެލެހެއްޓުމަށްޓަކައި އައު ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލް ހުށަހަޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހްއެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ކުރެވޭ މުޢާމަލާތްތައް ދިވެހި ރުފިޔާއިން ކުރުމަށް ބާރުއެޅުމެވެ. އެހެންނަމަވެސް، ވަކި ހާއްސަ ހާލަތްތަކުގައި ބޭރު ފައިސާއިން މުޢާމަލާތް ކުރުމުގެ ހުއްދަ މި ބިލުން ދެއެވެ. ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި މާލީ އިދާރާތަކަށް އިސްތިސްނާ ލިބިދެއެވެ.
ބިލުގައި ވާގޮތުން، އަހަރަކު މަދުވެގެން 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން، ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން ޖެހެއެވެ. ރިސޯޓުތަކަށް ޚާއްޞަ އިސްތިސްނާތަކެއް ދީފައިވާއިރު، އެތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރު ނުވަތަ މަހު އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. މި ފައިސާ މާރުކުރަންޖެހެނީ ކޮންމެ މަހެއް ނިމި، ޖެހިގެން އަންނަ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.
އެހެން ފަތުރުވެރި ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހެއެވެ. އަދި 15 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން އެ ވިޔަފާރިއަކަށް ލިބޭ ބޭރު ފައިސާގެ 20 އިންސައްތަ މާރުކުރަން ޖެހެއެވެ.
މީގެ އިތުރުން، 24 ގަޑިއިރަށްވުރެ ކުރު މުއްދަތަކަށް ރިސޯޓުގައި ތިބޭ ފަރާތްތަކާއި، 10 އަހަރުން ދަށުގެ ކުދިންނާއި، ހިލޭ ބައިތިއްބާ ފަރާތްތަކާއި، ސަރުކާރުން ޚާއްޞަ އިމްތިޔާޒު ދީފައިވާ މެހެމާނުންގެ އަތުން ޑޮލަރު މާރުކުރުން ލާޒިމެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ