އިސްލާމިކް މިނިސްޓްރީން ގުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ފަށާފައިވާ އުމްރާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަ ދަރިވަރުން އުމްރާއަށް ފޮނުވައިފިއެވެ. މި ޕްރޮގްރާމު ފެށުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ނިންމަވައި، މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު އިޢުލާނު ކުރެއްވިއެވެ.
މި ޕްރޮގްރާމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ދެއްވަމުން، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން ވިދާޅުވެފައިވަނީ މިއަހަރު އިތުރު ދަރިވަރުން އުމްރާއަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް އެއީ ކިތައް ދަރިވަރުންކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
މީގެ އިތުރުން، އަންނަ އަހަރުން ފެށިގެން ތިން ފޮތަށްވުރެ ގިނައިން ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ޕޮކެޓް މަނީއެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ. މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި ގުރުއާނުގެ އިލްމު ފުޅާކޮށް، ގުރުއާން ހިތުދަސްކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމެކެވެ.
އަދި މިއާއެކު، ސްކޫލުގައި ނޫޅޭ ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫޢެއް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ފަށާފައެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ވެސް ކުރިއަށް ގެންދަނީ ރާއްޖޭގައި އިމާމުން މަދުވުމާ ގުޅިގެން، ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް ޚުތުބާ ކިޔުމަށް ޝައުގުވެރިވާ ކުދިންނަށް އަމާޒުކޮށްގެން 'ޒުވާން ޚަތީބުން’ގެ ނަމުގައި ޕްރޮގްރާމެއް ވެސް މެއެވެ.