ވަޒީފާ އަދާކުރާތަނުން މުސާރަ ދިނުން ލަސްވާ ކަމަށް ބުނެ ބިދޭސީންތަކެއް މާލޭގައި މިއަދު މުޒާހަރާކޮށްފިއެވެ.
އެމީހުން މިއަދު އެއްވީ ރައީސް އޮފީސް ކައިރިއަށާއި މުލިއާގެ ކައިރިއަށެވެ. އެތަން ތަނުން އެމީހުން ފޮނުވާލުމާ ގުޅިގެން އެންމެ ފަހުން އެމީހުން މުޒާހަރާ ކުރީ މަޖީދިއްޔާ ސްކޫލް ކައިރީގައެވެ. މިހާރު އެ ސަރަހައްދުގައި ފުލުހުންނާއި އިމިގްރޭޝަންގެ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި މީހުންނަކީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ ބަޔެއް ކަމެއް އަދި ޔަގީނެއް ނުވެއެވެ.
ފުލުހުން ބުނީ މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް މުލިއާގެ އާ ހިސާބުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މައްސަލައާ ގުޅިގެން ފުލުހުން ހަރަކާތްތެރިވެފައިވާނެ ކަމަށެވެ. އެމީހުން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝްގެ 17 މީހުން ކަމަށް ފުލުހުން ބުންޏެވެ.