އެމްޑަބްލިޔުއެސްސީ އިން 200 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ

އެމްޑަބްލިޔުއެސްސީ އިން 200 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން 400 މިލިއަން ރުފިޔާގެ ބޮންޑެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި އިޝޫކޮށް، އޭގެ ތެރެއިން 200 މިލިއަން ރުފިޔާގެ ބޮންޑު ވިއްކުމަށް ހުޅުވާލައިފިއެވެ.

އެމްޑަބްލިޔުއެސްސީން މި ބޮންޑު އިޝޫކޮށްފައިވަނީ ކުންފުނީގެ ތަރައްޤީގެ މަސައްކަތްތަކަށާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. މި ބޮންޑު ވިއްކުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. މިގޮތުން މިހާރު ވިއްކުމަށް ހުޅުވާލާފައިވާ 200 މިލިއަން ރުފިޔާގެ ބޮންޑަށް އިންވެސްޓް ކުރެވޭނީ އެމްޑަބްލިޔުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށެވެ. މި ބޮންޑުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށްވާއިރު، އިންޓަރެސްޓް ރޭޓަކީ 7.5 އިންސައްތައެވެ.

އެމްޑަބްލިޔުއެސްސީގެ އާމްދަނީ ބެހިފައިވާ ގޮތަށް ބަލާއިރު، ފެނުގެ ޚިދުމަތްތަކުން 55 އިންސައްތަ އަދި ކުންފުނިން ހިންގާ މަޝްރޫޢުތައް ހިމެނޭ ނޮން ޔުޓިލިޓީ އާމްދަނީގެ ގޮތުގައި 45 އިންސައްތަ ލިބެއެވެ. ނަމަވެސް ކުންފުނީގެ އަމާޒަކީ މަޝްރޫޢުތައް އިތުރުކޮށްގެން ނޮން ޔުޓިލިޓީ އާމްދަނީ 60 އިންސައްތައަށް އިތުރުކުރުމެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި 20 އަށް ވުރެ ގިނަ ރަށުގައި 1.3 ބިލިއަން ރުފިޔާގެ މަސައްކަތް ވަނީ ހޯދާފައެވެ. އަދި މިފަދަ މަޝްރޫޢުތައް އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހޯދުމަށް ފައިސާ ބޭނުންވާ ކަމަށާއި، އާންމު ގޮތެއްގައި ފައިސާ ލިބެނީ ވަރަށް ބޮޑެތި އިންޓަރެސްޓް ރޭޓްތަކުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މަތީން ވިދާޅުވި ގޮތުގައި ކުންފުނީގެ މާލީ ޤާބިލުކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، މިދިޔަ އަހަރާއި މި އަހަރުގެ ތިން ކުއާޓަރުގެ ތެރޭގައި 170 މިލިއަން ރުފިޔާ ވަނީ ޚަރަދުން ސަލާމަތްކުރެވިފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ އަތުން އިތުރު އެއްޗެއް ނުނަގައި، އެމްޑަބްލިޔުއެސްސީގެ ސާފު ފައިދާ މި އަހަރު 100 އިންސައްތަ އިތުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *