އެންޓި މައިކްރޯބިއަލް ރެސިސްޓަންސް އާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭނަކީ، ޒިންމާތައް ހިއްސާކުރުމުގެ ނަމޫނާއެއް: މެޑަމް ސާޖިދާ

އެންޓި މައިކްރޯބިއަލް ރެސިސްޓަންސް އާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭނަކީ، ޒިންމާތައް ހިއްސާކުރުމުގެ ނަމޫނާއެއް: މެޑަމް ސާޖިދާ

އެންޓި މައިކްރޯބިއަލް ރެސިސްޓަންސް (އޭ.އެމް.އާރް)އާއި ގުޅޭ ޤައުމީ އެކްޝަން ޕްލޭނަކީ، ޒިންމާތައް ހިއްސާކުރުމުގެ ނަމޫނާއެއްކަމަށާއި އެ އެކްޝަން ޕްލޭނަށް ބޭނުންވާ އެއްބާރުލުން އެކި ދާއިރާތަކުން ދީފައިވަނީ، ޤައުމީ ވިލުންތެރިކަމަށްޓަކައި އެ އެއްބާރުލުން ބޭނުންވާ ބީދައިންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، އެންޓި މައިކްރޯބިއަލް ރެސިސްޓަންސާ ގުޅޭ ޤައުމީ އެކްޝަން ޕްލޭން (އޭ.އެމް.އާރް) 2024-2029 އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، އިންސާނުންނާއި އެނޫން ދިރޭތަކެއްޗާއި، ދިރިއުޅޭ ވެށީގެ ދުޅަހެޔޮކަން ގުޅިލާމެހިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިއަދު އިފްތިތާޙުކުރި ޤައުމީ އެކްޝަން ޕްލޭންގައި "ވަން ހެލްތު އެޕްރޯޗް" ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، މި ޕްލޭންގެ ދަށުން އޭ.އެމް.އާރް ގެ މައްސަލައަށް ޙައްލު ހޯދުމަށްޓަކައި ސިއްޙީ ދާއިރާ އާއި ދަނޑުވެރިކަމުގެ ދާއިރާ އާއި ތިމާވެށި މެނޭޖްކުރުމުގެ ދާއިރާއަށް، ގުޅިގެން މަސައްކަތްކުރެވޭނޭކަން ޔަޤީންކޮށްދީފައިވާކަމަށެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ސަލާމަތަށްވެސް އޭ.އެމް.އާރްގެ އަސަރުކުރާނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދަނޑުވެރިކަމާއި އެކުއަކަލްޗަރގައި ނަހަމަގޮތުގައި އެންޓިމައިކްރޯބިއަލްސް ބޭނުންކުރާނަމަ، ކާބޯތަކެތީގެ ތެރެއަށް ރެސިސްޓަންޓް ބެކްޓީރިޔާ ވަދެ، ޢާންމު ސިއްޙަތާއި ދުޅަހެޔޮކަމަށް ނުރައްކާވުން އެކަށީގެންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އޭ.އެމް.އާރްގެ މައްސަލަ ޙައްލުކުރުމަކީ ހަމައެކަނި ޢާންމު ސިއްޙަތަށްޓަކައި ކުރާ ކަމެއް ނޫންކަމާއި، އެއީ އިޤްތިޞާދީގޮތުންވެސް ކުރުން ލާޒިމުކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. މި މަސައްކަތުގައި ހިއްސާވާ ހުރިހާ ފަރާތްތަކުން ގުޅުންތައް ޤާއިމުކޮށް، ޢިލްމާއި ވަޞީލަތްތައް ހިއްޞާކޮށް، އީޖާދީ މަސައްކަތްތަކަށް ހިތްވަރުދީގެން މެނުވީ، "ވަން ހެލްތު އެޕްރޯޗް" ކާމިޔާބު ކަމާއެކު ތަންފީޒު ނުކުރެވޭނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، 2024 އިން 2029 އަށް ކަނޑައެޅި ނޭޝަނަލް އެކްޝަން ޕްލޭން އޮން އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އެން.އޭ.ޕީ އޭ.އެމް.އާރް) ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. ކުރިން މިރޮނގުން ކޮށްފައިވާ މަސައްކްތަކަށް ބާރުދޭގޮތަށް ފަރުމާކޮށްފައިވާ މި ޕްލޭން އެކުލަވާލާފައިވަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ގްލޯބަލް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މި ޕްލޭންގެ ދަށުން، ހިންގުން ހަރުދަނާކޮށްގެންނާއި، ޤަވާއިދުތައް ހަރުދަނާކޮށްގެންނާއި، ވިލަރެސްކުރާނޭ ނިޒާމުތައް ޤާއިމުކޮށްގެން، ޖަވާބުދާރީވެވޭނޭ ފަދަ ގޮތަކަށް، އެންޓިމައިކްރޯބިއަލް ރެސިސްޓަންސްގައި ހުރި މައްސަލަތަކަށް ޙައްލު ހޯދަން މަސައްކަތްކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *