ބ. އޭދަފުށީ، ފަސްމީރު، ޝުނާން މުޙައްމަދު ޝާކިރު (22 އަހަރު) ހައިވޭގައި އެކްސިޑެންޓް ވުމަށްފަހު މަޑުނުކޮށް ފިލައިގެން ދިޔުމުގެ މައްސަލައިގައި ހުކުރު ދުވަހު ފުލުހުން އޭނާ ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ހުކުރު ދުވަހުގެ މެންދުރު 14:43 ހާއިރު ހައިވޭގައި ހިނގި މި ހާދިސާގައި ޝުނާން ދުއްވަމުން ދިޔަ ސައިކަލުން ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައި އެހެން ސައިކަލަކާ ޖެހުނެވެ. މި ހާދިސާގައި ޖެހުނު ސައިކަލުގައި ތިބި ދިވެހި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެ، ދެމީހުންވެސް ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އަނިޔާވި ފިރިހެނާއަށް ފަރުވާ ދިނުމަށްފަހު މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް އަންހެން މީހާއަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. އެކްސިޑެންޓް ވުމަށްފަހު ޝުނާން ވަނީ ހާދިސާ ހިނގި ސަރަޙައްދުން މަޑުނުކޮށް ފިލައިގެން ގޮސްފައެވެ.