ކޮންމެ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ޣައިރު ޒިންމާދާރު ކަމެއް ކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
އިހުސާން އެގޮތަށް ވިދާޅުވީ އެމްޑީޕީގެ އެކްޓިވިސްޓު ހުސެއިން ޝާފިއު (ތުއްތު) ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވާފައި ވަނިކޮށް އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ތުއްތު ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މާދަމާ މެންދުރު 1:30 އަށެވެ.
ފުލުހުން، ތުއްތުއަށް ފޮނުވި މެސެޖްގައި ބުނެފައިވާ ގޮތުން އޭނާ ހާޒިރުކުރަނީ މި މަހުގެ 8 ވަނަ ދުވަހު ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ހަޑިހުތުރު ބަސް ބޭނުންކޮށް، ބިރުވެރިކަން އުފެދޭ ގޮތަށް ތުއްތު ކުރި ޕޯސްޓެއްގެ ގޮތުގައި ފުލުހުން ތުހުމަތު ކުރެއެވެ.
ތުއްތު ކުރި ޕޯސްޓުގައި ބުނެފައިވަނީ ސިނގިރޭޓު ފޮއްޓެއް ގަތީ 270ރ. އަށް ކަމަށެވެ. އެ ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުންކޮށްފައިވެއެވެ. އަދި "މަށަށް ކަލޭ މަގެއް މަތިން ނުފެއްނާތި" ކަމަށް ބުނެ އިންޒާރު ދެއެވެ.
އިހުސާން ވިދާޅުވީ ޕޯސްޓުގައި ލިޔެފައި އޮތް ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށެވެ.
"މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ޙިޔާލުފާޅުކުރީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށްދިނީކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒަޢާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެގޮތަކީ؟" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މިސަރުކާރުގަ އެއްވެސްބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި ކަމަށް ވިދާޅުވިއެވެ.
"ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޢައިރު ޒިންމާދާރު ކަމެއް." އިހުސާން ވިދާޅުވިއެވެ.