އަނިޔާއާއި ކުށުގެ ޝިކާރައަކަށްވާ އަދި ކުށުގެ ތުހުމަތުގައިވާ ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމު ނުކުރުމަށް އިލްތިމާސްކޮށްފި

އަނިޔާއާއި ކުށުގެ ޝިކާރައަކަށްވާ އަދި ކުށުގެ ތުހުމަތުގައިވާ ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އާންމު ނުކުރުމަށް އިލްތިމާސްކޮށްފި

Author
ހުސައިން
30 ނޮވެމްބަރ 2024 11:35
0

މިނިސްޓްރީ އޮފް ސޯޝަލް، ފެމިލީ ޑިވެލޮޕްމަންޓްއިން ނެރުނު ބަޔާނެއްގައި، އަނިޔާއާއި ކުށުގެ ޝިކާރައަކަށްވާ ކުޑަކުދިންނާއި، ކުށުގެ ތުހުމަތުގައިވާ ކުޑަކުދިންގެ ޒާތީ މަޢުލޫމާތާއި، އެކުދިންގެ ތަސްވީރު އަދި އެކުދިން ދެނެގަނެވޭނެ އެއްވެސް މަޢުލޫމާތެއް އާންމުނުކުރުމަށް އިލްތިމާސްކޮށްފިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ކުޑަކުދިންގެ ޒާތީ މަޢުލޫމާތާއި ފޮޓޯ މީޑިއާގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، އެކުދިންގެ މަޢުލޫމާތު އާންމުންނަށް ދެނެގަނެވޭކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަދި މިކަމުގެ ސަބަބުން އެކުދިންނަށް ނަފްސާނީ ގޮތުން އިތުރު ގެއްލުންތަކެއް ލިބި، ކުދިންގެ ކަރާމާތަށް އުނިކަން ލިބެމުންދާތީ މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށް، އެކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ވިޔަނުދިނުމަށްޓަކައި އެފަދަ ފޮޓޯތައް މީޑިއާގައި ދައުރުނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

މީގެއިތުރުން، އެއްވެސް ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބޭކަން އެނގޭނަމަ، ލަސްނުކޮށް މިނިސްޓްރީގެ ހެލްޕްލައިން 1412 އަށް ގުޅައި ރިޕޯޓުކުރުމަށްވެސް މިނިސްޓްރީން އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.