އިސްރާއީލު އިސްތިއުމާރު ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަމުންދާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އަދި ރައީސް މުޢިއްޒު ވަނީ އިޒްރާއީލް ވެރިން ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހުރިހާ އިޚްތިޔާރަކާއި އިޤްތިޞާދީ ބާރެއް ބޭނުންކުރުމަށް ގޮވާލައްވާފައެވެ.
މިއަދު ފާހަގަކުރެވޭ ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލްކުރަމުންދާ ވޭނާއި ކެކުޅުން ދިވެހި ކޮންމެ ރައްޔިތަކުވެސް އިޙްސާސްކުރާ ކަމަށެވެ.
As we commemorate the International Day of Solidarity with the Palestinian People, the Maldives reaffirm its commitment to the Palestinian struggle for justice and their right to live in peace.
For every Maldivian, Palestine’s struggle is our own.
We call on the international…
— Dr Mohamed Muizzu (@MMuizzu) November 29, 2024
އިތުރަށް ރައީސް ފާހަގަކުރެއްވި ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެއްބައިވެ، އިޒްރާއީލުގެ ޤާނޫނާ ޚިލާފު ހިޞާރު ވަގުތުން ހުއްޓާލުމަށް ޑިމާންޑްކޮށް، ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ޒިންމާ އުފުލާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހެއެވެ. ދިވެހިރާއްޖެއިން ދެކޭގޮތުގައި މި މައްސަލައަށް އޮތް ދާއިމީ ހައްލަކީ 1967 ވަނަ އަހަރާ ހަމައަށް އޮތް ފަލަސްތީނުގެ ސަރަހައްދާއެކު، އިރުމަތީ ގުދުސް ވެރިރަށް ކަމުގައި ހަމަޖެހިގެންދާ މިނިވަން ފަލަސްތީން ދައުލަތެއް ގާއިމުކުރުމެވެ.
ކޮންމެ އަހަރެއްގެ ނޮވެމްބަރު 29 ވަނަ ދުވަހަކީ ފަލަސްތީނު ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލުމަށް އދ. އިން ފާހަގަކުރާ ދުވަހެކެވެ.