އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ގާނޫނާއި ހިލާފަށް ބިދޭސީންނާ ގުޅުންހުރި ކަންކަމުގައި ފައިސާ ހޯދާ މައްސަލައެއްގެ ތަހުގީގު ކުރަނީ

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ގާނޫނާއި ހިލާފަށް ބިދޭސީންނާ ގުޅުންހުރި ކަންކަމުގައި ފައިސާ ހޯދާ މައްސަލައެއްގެ ތަހުގީގު ކުރަނީ

މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފަކު ގާނޫނާއި ގަވައިދާ ހިލާފަށް ބިދޭސީންނާ ގުޅުންހުރި ކަންކަމުގައި ފައިސާ ހޯދަމުންދާ މައްސަލައެއްގެ ތަހުގީގު ފަށާފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ހާމަކުރައްވައިފިއެވެ.

އިމިގްރޭޝަނުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރޭގައި ގަވައިދާ ޚިލާފަށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި، ޑޮލަރުގެ ކަޅުބާޒާރު ވިޔަފާރިއާއި، ހުއްދަނެތި ސްޕާ ހިންގުމުގެ މައްސަލަތައް ބެލުން ހިމެނެއެވެ. އަދި މާރުކޭޓު ގޮޅިތަކުގައި ވިޔަފާރިކުރާ ބިދޭސީންނާއި މާލޭގެ އެކި ސަރަހައްދުތަކުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ މައްސަލަތައްވެސް ބަލަމުންދެއެވެ.

މިނިސްޓަރ އިހުސާން ވިދާޅުވީ ޔުނިފޯމު އެޅި މުވައްސަސާތަކުގެ އޮފިސަރުން މިފަދަ ޣައިރު ޤާނޫނީ އަމަލުތައް ހިންގުމަކީ މުވައްސަސާގެ އަގު ވައްޓާލުމާއި ޔުނިފޯމުގެ ހުރުމަތް ކެނޑުން ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި، މިފަދަ ކަންކަމާމެދު ސަރުކާރުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. މައްސަލައިގެ ތަހުގީގު އަދި ކުރީކޮޅުގައި އޮތުމާއެކު، ތުހުމަތުކުރެވޭ އޮފިސަރުންގެ މައްޗަށް އަދި ފިޔަވަޅެއް އަޅާފައި ނުވިނަމަވެސް، އެ މުވައްޒަފުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް، އެފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ވަނީ ހިފަހައްޓާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން މިފަދަ މައްސަލަތަކުގައި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތަކަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލުކުރާނެ ކަންކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި މާފުށީ ޖަލަށް ވަގަށް ތަކެތި ވެއްދުމަށް އެހީތެރިވެގެން 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދިކަމުގެ ތުހުމަތުގައި ކަރެކްޝަންގެ ފަސް އޮފިސަރެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. މީގެއިތުރުން ބައެއް މުވައްސަސާތަކުގެ އެތެރޭގައި ހިންގާ ކްލަބްތަކުގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކެއްވެސް ވަނީ ފާޅުވެފައެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ޑޮލަރުގެ ކަޅުބާޒާރު ވިޔަފާރި ހިންގާ ތަންތަންވެސް ވަނީ ބަލައި ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *