ކުރީގެ ސަރުކާރުން އިންތިޚާބުތަކަށް އަމާޒުކޮށް 39 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކުގައި ސޮއިކޮށްފައިވޭ: މުއްތަލިބު

ކުރީގެ ސަރުކާރުން އިންތިޚާބުތަކަށް އަމާޒުކޮށް 39 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކުގައި ސޮއިކޮށްފައިވޭ: މުއްތަލިބު

Author
ޙަސަން މުޙައްމަދު
27 ނޮވެމްބަރ 2024 11:25
0

ކުރީގެ ސަރުކާރުން އިންތިޚާބުތަކަށް އަމާޒުކޮށް 39 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކެއްގައި ސޮއިކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިއީ ދައުލަތުގެ އެއްވެސް ބަޖެޓަކުން ކުރެވޭނެ މިންވަރެއްގެ މަސައްކަތްތަކެއް ނޫނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، އަހަރެއްގެ އާމްދަނީގެ ގޮތުގައިވެސް 39 ބިލިއަން ރުފިޔާ ނުލިބޭކަން ފާހަގަކުރެއްވިއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަށް އަމާޒުކޮށް، ކޮންމެ ރަށަކަށް ކުޑަ އަދަދެއްގެ ފައިސާ ހިމަނައިގެން މަޝްރޫޢުތައް ރޭވިފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތަށް ކުދިކުދި އަދަދުތަކުން މަޝްރޫޢުތައް ކުރިއަށް ނުގެންދެވޭނެކަން މިނިސްޓަރު ވިދާޅުވިއެވެ.

ކޮންމެ ރަށެއްގައިވެސް، މަޖިލިސް އިންތިޚާބަށް ޓާގެޓްކޮށް މަޝްރޫޢުތައް ޖަހާފައި އެބަ ހުރި. މިދެންނެވީ ސޮއިކޮށްފައި އެކަނިވެސް 39 ބިލިއަން ރުފިޔާ. ދެން ކިހިނެއްތޯ އައު، މަޝްރޫޢުތަކެއް ފަށާނީ؟ ކޮންތާކު ހުރި ފައިސާއަކުންތޯ؟ އެއް ލައްކަ ރުފިޔާ ޖަހާފައި އެބަހުރި މަސައްކަތެއް ފަށަން.. 2 ލައްކަ ޖަހާފައި މިހުންނަނީ މަސައްކަތެއް ފަށަން. އެހެންވީމާ އެ މަސައްކަތް ފެށޭވަރަށް ފައިސާ ހިމަނާފައި ނެތީމާ، އަޅުގަނޑުމެންނަށް މަސައްކަތެއް ނުފެށޭ.

މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މަޖިލިސް އިންތިޚާބަށް އަމާޒުކޮށް ކޮންމެ ރަށެއްގައިވެސް މަޝްރޫޢުތަކެއް ހިމަނާފައިވާއިރު، އެއް ލައްކަ އަދި ދެ ލައްކަ ރުފިޔާގެ ކުދި އަދަދުތަކުން މަޝްރޫޢުތައް ފެށުމަށް ކަނޑައަޅާފައިވާކަމާއި، މިފަދަ ކުދި އަދަދުތަކުން މަސައްކަތް ފެށުމަކީ ޢަމަލީގޮތުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ.

2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލެވިފައިވަނީ މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށްގެންކަމަށާއި، އެންވެލޮޕް އުސޫލެއްގެ ދަށުން މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތަށް ރޭވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފުރުސަތު ލިބޭ މިންވަރަކުން ހުރިހާ މަޝްރޫޢުތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތުގެ 2025 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.