4،000 ފްލެޓްގެ މަޝްރޫޢުގައި ހިމެނޭ ކޮމާޝަލް ޖާގަތައް ކުއްޔަށް ދޫކުރުމަށް މިހަފްތާގައި ހުޅުވާލާނީ

4،000 ފްލެޓްގެ މަޝްރޫޢުގައި ހިމެނޭ ކޮމާޝަލް ޖާގަތައް ކުއްޔަށް ދޫކުރުމަށް މިހަފްތާގައި ހުޅުވާލާނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރަމުންދާ 4،000 ފްލެޓްގެ މަޝްރޫޢުގައި ހިމެނޭ ކޮމާޝަލް ޖާގަތައް ކުއްޔަށް ދޫކުރުމަށް މިފެށޭ ހަފްތާގައި ހުޅުވާލާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. 'އަމަން އުދަރެސް' އަދި 'އަމަން ދޯދި' ގައި ހިމެނޭ މި ކޮމާޝަލް ޖާގަތައް ކުއްޔަށް ދޫކުރުމަށް 6 ޒޯނަކަށް ބަހާލާފައިވާއިރު، އެންމެ ފުރަތަމަ ހުޅުވާލަނީ ޒޯން 1 އަށް ކަމަށް އެފްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

32 ޔުނިޓުގައި ޖުމުލަ 127 ކޮމާޝަލް ޖާގަ ހިމެނޭއިރު، މި ޖާގަތަކުގައި ރީޓެއިލް ފިހާރަ، ސުޕަމާކެޓް، ހައިޕަމާކެޓް، ކެފޭ، ރެސްޓޯރެންޓް، ކްލިނިކް އަދި އޮފީސްތައް ހިންގުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 580 އިން 6،200 އަކަފޫޓާ ދެމެދުގެ މި ޖާގަތައް މާކެޓް ރޭޓުގައި ކުއްޔަށް ދޫކުރާއިރު، ވިޔަފާރީގެ ބޮޑުމިނަށް ބަލައި ޖާގަ އިތުރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. މި ޖާގަތައް ހުންނާނީ ހުރިހާ ޓަވަރެއްގެ ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާގައެވެ.

އެފްޑީސީން ބުނާގޮތުގައި މި ފުރުސަތު އަމާޒުކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށްވެސް ބުނެފައިވެއެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ޚިދުމަތްތައް ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ މި 4،000 ފްލެޓްގެ މަޝްރޫޢުގެ 'ގެދޮރުވެރިޔާ' ސްކީމްގެ ދާއިމީ ލިސްޓް ކުރީގެ ސަރުކާރުގެ ފަހުކޮޅު ގެޒެޓްކުރެވުނު ނަމަވެސް، ގިނަ އަދަދެއްގެ މީހުން ޝަކުވާ ހުށަހެޅުމާ ގުޅިގެން އޭސީސީން މައްސަލަ ބަލާފައިވެއެވެ.

އޭސީސީގެ ތަޙްޤީޤުން ހާމަވިގޮތުގައި އެ ލިސްޓުން ޝަރުޠު ހަމަވެ، އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގައެވެ. އަދި ޝަރުޠު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރިކަމާއި، މުޅި ލިސްޓުގެ 59.6 ޕަސެންޓް މީހުންގެ ފޯމުގައި ޝަރުޠު ހަމަނުވާކަން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *