’ރައްޔިތުންގެ މަޖިލިސް' މިހާރު 'ޕާޓީގެ މަޖިލީހަކަށް' ބަދަލުވެގެން ގޮސްފައިވާ ކަމަށް، ގާނޫނުއަސާސީއަށް އިއްޔެ ގެނެވުނު އިސްލާހާ ގުޅިގެން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މި އިސްލާހު ފާސްކުރެވުނީ އިއްޔެ ބިލު ހުށަހަޅައި، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށްފަހު ބޭއްވުނު ޖަލްސާއެއްގައެވެ. އަދި އެ ބިލު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުކުރައްވާފައެވެ.
އިދިކޮޅުން މި ބިލާމެދު ނުރުހުން ފާޅުކުރަމުންދާއިރު، އެފަރާތްތަކުން ބުނަމުންދަނީ ބިލު ފާސްކުރެވިފައިވަނީ އަވަސްއަރުވާލައިގެން، އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ. އުމަރު ނަސީރު ވިދާޅުވި ގޮތުގައި މި އިސްލާހުގެ ސަބަބުން މަޖިލިސް މެންބަރުން މިހާރު ވަނީ ޕާޓީ ލީޑަރުންގެ މުށުތެރެއަށް ތާށިވެފައެވެ. މީގެ ސަބަބުން ލީޑަރު ނުރުހޭގޮތަކަށް އަމަލުކޮށް، ޚިޔާލު ތަފާތުވެއްޖެނަމަ ނުވަތަ ދެކޮޅަށް ވޯޓުދީފިނަމަ، ޕާޓީން ވަކިކޮށްލުމުން ގޮނޑި ގެއްލިގެންދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.
ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހުގައި ހިމެނެނީ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުމާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ އަދި ބޭރު ގައުމެއްގެ އަސްކަރީ ބަޔަކަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުމެވެ.
އިދިކޮޅު އެމްޑީޕީން ވަނީ މި ބިލުގެ މަސައްކަތް ހުއްޓުވުމަށް އިއްޔެ ހަވީރުގެ ޖަލްސާގައި ތަޅުމުގައި އަޑުގަދަކޮށް ހަދައި، އަދި މަޖިލިސް އިދާރާ ސަރަހައްދުގައި އިހުތިޖާޖުކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ މި އިސްލާހަކީ ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭ ކަމެއް ނޫން ކަމަށެވެ.
އުމަރު ނަސީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ 19 އަހަރު ދުވަހު ގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބިފައިވަނީ ސިޔާސީ ޕާޓީތަކުގެ ސަބަބުން ކަމަށާއި، މުޅި ރައްޔިތުން ނިކުމެ އިންތިޚާބުކުރާ މަޖިލީހެއްގެ ބާރު މިހާރު ދެ ޕާޓީގެ ލީޑަރުންގެ އަތްމައްޗަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ޕާޓީއެއްގެ ޓިކެޓުގައި މެންބަރަކު އިންތިޚާބުވިޔަސް، އެ މެންބަރަކަށް ވޯޓުދޭ 75 އިންސައްތަ މީހުންނަކީ ޕާޓީގެ މީހުން ނޫންކަމަށާއި، އެހެންކަމުން މަޖިލިސް މެންބަރު ތަމްސީލުކުރަންޖެހެނީ މުޅި ރައްޔިތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.