އިދިކޮޅު އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ގަރާރަކާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެ ގަރާރާ އެއްކޮޅަށް ވޯޓު ދެއްވާއިފިއެވެ.
މި ގަރާރަކީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ހުށަހެޅިފައިވާ އިމިގްރޭޝަން ގާނޫނުގެ އިސްލާހުގެ މަސައްކަތް ކުރިއަށް ނުދާތީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ގަރާރެކެވެ.
މި ގަރާރަށް މިއަދު ނެގުނު ވޯޓުގައި ޕީއެންސީގެ 63 މެންބަރުން ވަނީ ބަލައިނުގަތުމަށް ވޯޓު ދެއްވާފައެވެ. އެހެންނަމަވެސް، އެމްޑީޕީގެ 12 މެންބަރުންނާއި، ޕީއެންސީގެ ތޯރިގު އަދި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވަނީ ގަރާރަށް ތާއީދުކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތެއްގައި، ތޯރިގު އިއްޔެ ވަނީ ޓޫރިޒަމް ދާއިރާއިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ޖެހުމުން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އަދި ހުރާ ދާއިރާގެ ޕީއެންސީގެ މެންބަރު އަނާރާ ނައިމް ވަނީ މި މައްސަލައިގައި ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ޕީއެންސީގެ އިތުރު ފަސް މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
މި ހާދިސާ ހިނގަމުންދަނީ، ޕީއެންސީގެ މެންބަރުން ޕާޓީ ބަދަލުކުރުމާއި ޕާޓީގެ ވިސްނުމާ ޚިލާފަށް ޢަމަލުކުރުމުން މެންބަރުކަން ގެއްލޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.