ފްލެޓް ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ފްލެޓް ލިސްޓު ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

މިދިޔަ ސަރުކާރުގައި ހިންގި "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބުނު މީހުންގެ ލިސްޓު އާންމުކުރުން މުއްދަތެއް ނެތް ގޮތަށް ހައުސިން މިނިސްޓްރީން މިއަދު ފަސްކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ކުރިން ނިންމާފައި އޮތީ މި ހަފްތާ ނިމުމުގެ ކުރިން ލިސްޓް އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާށެވެ.

އެކަމަކު، އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ކަމަށް މިދިޔަ އަހަރު އިއުލާންކުރި ދާއިމީ ލިސްޓުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް، އާންމު ފަރާތްތަކުން އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން މިނިސްޓްރީ އަށް އަންގާފައިވާ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާގެ މަތިން އެކުލަވާލާފައިވާ ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެ މަތިން ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތަކަށް އެދި ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމުން އެ މަސައްކަތްތައް ނިންމާލުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އެކަމަށް އިތުރު ވަގުތު ހޭދަވިޔަސް ސަރުކާރުގެ މަގްސަދަކީ އެ ފްލެޓްތައް ހައްގުވެރިންނަށް ލިބޭތޯ ކަށަވަރު ކުރުން ކަމަށް ބަޔާނުގައިވެއެވެ.

ސްކީމުގެ ވަގުތީ ލިސްޓު ރި-އިވެލުއޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތަފްސީލުތައް ވެސް އެ މަސައްކަތްތައް ނިމުމުން ހިއްސާ ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ހަދާ 4000 ފްލެޓްއާ ގުޅިގެން އޭސީސީއަށް އެކަނި ވެސް 300 ޝަކުވާ ހުށަހެޅިއެވެ. އެއާ އެކުގައި ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް އޭސީސީން ވަނީ ހުއްޓުވައިފައެވެ.

ފްލެޓް ލިބުނު މީހުންގެ ލިސްޓުގައިވާ 60 ޕަސެންޓަކީ ނުހައްގުން ފްލެޓް ލިބުނު މީހުން ކަމަށް އޭސީސީން ބުނެއެވެ. އެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓު ލިބިފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވަނީ އެންމެ 20 ޕަސެންޓް މީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *