އެމްޑީޕީން މީޑިއާތައް ރެގިއުލޭޓް ކުރުމަށް ހުށަހެޅިފައިވާ ބިލާ ދެކޮޅު ހަދައިފިއެވެ.
މިހާރު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށް އާ ކޮމިޝަންއެއް އުފެއްދުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން ވަނީ ބިލެއް ހުށަހަޅުއްވާފައެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި މިއީ ސަރުކާރުން އަޑީގައި އޮވެގެން މީޑިއާގެ މިނިވަންކަން ކަނޑުވާލުމަށް ހުށަހަޅާފައިވާ ބިލެކެވެ. އައު ކޮމިޝަންގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް ވެސް އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާ ކުރުމުގެ ބާރު މި ކޮމިޝަނަށް ލިބިދޭ ގޮތަށް ބިލުގައި އޮތުމަކީ ދުލާއި ގަލަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ. އެ ޕާޓީން ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.
މި ބިލާ ގުޅިގެން މީޑިއާތަކުގެ އިސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ ގަބޫލުފުޅުކުރައްވާ ހަމައެއް ނޫން ކަމަށެވެ.