އިހަވަންދިއްޕޮޅު ބަނދަރު ތަރައްގީ ކުރަން ފްރޭމްވޯކް އެއްބަސްވުމެއް ގާއިމުކޮށްފި

އިހަވަންދިއްޕޮޅު ބަނދަރު ތަރައްގީ ކުރަން ފްރޭމްވޯކް އެއްބަސްވުމެއް ގާއިމުކޮށްފި

Author
އަހުމަދު
09 ނޮވެމްބަރ 2024 04:34
0

އިހަވަންދިއްޕޮޅު ސަރަހައްދުގައި ބަނދަރު ތަރައްގީ ކުރަން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑެވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާޙިމެވެ. ކެޕިޓަލް އޭޝިއާ އިންވެސްޓްމެންޓް (ސީއައިއޭ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމަރޝަލް އޮފިސަރު ޓަން ކުން ޗީއާއޯ ޖޯޖްއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތްވާގޮތުގެ މަތިން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށްގެންދިއުމަށް ސޮއި ކުރި އެއްބަސްވުމެކެވެ.

މި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން، އިހަވަންދިއްޕޮޅު ސަރަހައްދު، ވިޔަފާރި އާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލު ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނާއި އެއްގޮތަށް، އެ މަޝްރޫއުގެ ސްކޯޕާއި ފިޔަަވަހިތައް ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފައިނޭންޝަލް އެސެސްމެންޓް ހެދުމާއި، މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ކޮމާރޝަލް ޓަރމްސް ކަނޑައެޅުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިއީ ދިގުމުއްދަތަކަށް ލާބަ އާއި މަންފާލިބެނިވި، ރާއްޖެއަށް އިގްތިސާދީ ކުރިއެރުން ލިއްބައިދޭނެ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.