އިންޑިއާއިން ރާއްޖެއަށް 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު މިހާތަނަށް ޒިޔާރަތް ކޮށްފި

އިންޑިއާއިން ރާއްޖެއަށް 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު މިހާތަނަށް ޒިޔާރަތް ކޮށްފި

ރާއްޖެއަށް އިންޑިއާއިން މިއަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު އެއްލައްކައަށް އަރައިފިއެވެ. އެއީ މިއަހަރު ފެށުނުއިރު އެންމެ މަތީގައި އޮތް މާކެޓް ކަމަށް ވިނަމަވެސް، އިންޑިއާގެ މާރކެޓް މިހާރުވަނީ ލިސްޓުގެ ހަވަނައަށް ވެއްޓިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އިއްޔެގެ ނިޔަލަށް އިންޑިއާއިން 101,963 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެގައުމުގެ މާކެޓް ހިއްސާ މިހާރު ހުރީ 6.1 އިންސައްތައިގައެވެ. އެއީ މިދިޔަ މަސް ފެށުނު އިރުވެސް އިންޑިއާ މާކެޓުގެ ހިއްސާ އޮތް މިންވަރެވެ.

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ ޗައިނާއެވެ. އެގައުމުން މިހާތަނަށް 240,401 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އޭގެ ފަހަތުން ރަޝިއާ އަންނައިރު، އެގައުމުން 187,270 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ތިންވަނައިގައިވާ އިނގިރޭސިވިލާތުން 143,909 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އޭގެ އިތުރުން ޖަރުމަނުވިލާތުން 127,446 ފަތުރުވެރިންނާއި، އިޓަލީވިލާތުން 115,425 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އެމެރިކާއިން 55,976 ފަތުރުވެރިންނާއި، ފްރާންސްއިން 44,879 ފަތުރުވެރިންނާއި، ސްޕެއިނުން 39,568 ފަތުރުވެރިންނާއި، ސްވިޒަލެންޑުން 32,903 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ އަހަރު ނިމޭއިރު އެ އަދަދު ދެ މިލިއަނަށް އެރުވުމެވެ. މި މަހުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކީ އިއްޔެއެވެ. އިއްޔެ 6,828 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެވަރެޖްކޮށް ދުވާލަކަށް 5,465 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އަދި އާންމުކޮށް ހޭދަކުރަނީ 7.9 ދުވަހެވެ. މި ވެރިކަމުގެ ކުރީކޮޅު ދެ ގައުމުގެ ގުޅުން ގޯސްވެ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން މިހާރުވެސް އަންނަނީ އެ ގައުމުގެ ފަތުރުވެރިން ގެނައުމަށް ކެމްޕެއިންތައް ހިންގަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *