ޓްރާންސްޕޯޓް މިނިސްޓްރީން ދީބާޖާ އިންވެސްޓްމަންޓާއެކު ވެފައިވާ ފެރީގެ ޚިދުމަތުގެ އެއްބަސްވުން ބާޠިލުކުރި މައްސަލައިގައި ބަދަލު ނަގައިދީފައިވާ ގޮތް ރަނގަޅު ނޫންކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރައްވާނެކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން އެކުލަވާލި ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ބަދަލު ނަގައިދިނުމުގައި ދަތުރުފަތުރުގެ ޚިދުމަތަށް 3 އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ އަސްލު ޚަރަދުތަކަށް ބެލުމުގެ ބަދަލުގައި، ބަދަލު ދީފައިވަނީ ޚަރަދުވާނެކަމަށް އަންދާޒާކުރެވުނു އަދަދުތަކަށް ބިނާކޮށެވެ. މިހެންވުމުން، ދައުލަތަށް ލިބެންޖެހޭ ފައިސާ އަނބުރާ ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބުދަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު ވިދާޅުވެފައިވަނީ، އޮޑިޓަރ ޖެނެރަލްއަކީ މިނިވަންކަމާއެކު މަސައްކަތްކުރައްވާ ބޭފުޅެއްކަމަށާއި، އެ ފަރާތުން އަންގަވާ އެންގެވުންތައް ތަންފީޒުކުރައްވާނެ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓުގައި ދީބާޖާއަށް ބަދަލު ދީފައިވާ ގޮތް ރަނގަޅު ނޫންކަމަށްވެސް އޭޖީ ފާހަގަކުރެއްވިއެވެ.
އިތުރުން، ފެރީ އުޅަނދުތައް ބަނުމަށް ދީބާޖާ އިންވެސްޓްމަންޓުން 2.76 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭއިރު، މި ތަކެތި ވިއްކައިގެން ނުވަތަ ބޭނުންކޮށްގެން ކުންފުންޏަށް ނަފާ ލިބިފައިވޭތޯ ބަލާފައިނުވާކަމާއި، މި އަދަދު ހޯދައި ތަކެތީގެ އަގުން އުނިކޮށްފައިނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.