ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން އަކީ ތެލުގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށާއި، ސިނގިރޭޓު ނުވަތަ ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކުމުގެ ޝައުގުވެރިކަމެއް އެ ކުންފުންޏަކަށް ނެތްކަމަށް އެކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ކުންފުނީގެ އުޅަނދުތަކުގައި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރުމުގެ މަސައްކަތްކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ އުޅަނދުތައް ބަލާ ފާސްކުރިއިރު ފުލުހުންގެ އަތުގައި ކޯޓު އަމުރެއް ނެތް ކަމަށް ހޯކްސްއިން ފާހަގަކޮށްފައިވެއެވެ.
ހޯކްސްއިން އިތުރަށް ބުނެފައިވަނީ، މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް ބޭނުންވާ އެއްބާރުލުން އެ ކުންފުނީގެ މެނޭޖްމެންޓުން ދީފައިވާނެ ކަމަށާއި، ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވި މީހުން ދެނެގަނެ ހައްޔަރުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ. އަދި ކުންފުނި މެދުވެރިކޮށް ހިންގާ ގަވާއިދާ ހިލާފު ހަރަކާތްތަކަށް ހޯކްސްއިން އަބަދުވެސް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށާއި، ކޮންޓްރޯލްތައް އިތުރުކޮށް އެތަނުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހޯކްސްގެ 14 މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި ސިނގިރޭޓުތައް ރާއްޖެ ގެނެސްފައިވަނީ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ އޭޖެންޓުކަމުގެ ދަށުން އެ ކުންފުނީގެ ބޯޓެއްގައެވެ.
އަދި ސިނގިރޭޓުތައް ތިލަފުއްޓަށް ގެންގޮސް އުފުލާފައިވަނީ ހޯކްސްގެ އުޅަނދެއްގައި ކަމަށާއި، މުދާ ބާލާފައިވަނީވެސް އެ ކުންފުނީގެ ގުދަނަކަށް ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ